ހުކުމެއް ތަންފީޒް ކުރަމުންދާ ބޭފުޅަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ރާއްޖޭގެ ނިޒާމުގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު(އިންތި) ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިގޮތަށް ވިދާޅުވެފައި ވަނީ ތަފާތުކުރުމެއް ނެތި ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެނެވެ.
އިންތި ވަނީ ކޯޓުން ހުކުމެއް އިއްވާފައިވާ ފަރާތަކަށް މިހާތަނަށް ރާއްޖޭގައި ބެއިލް ދީފައިވޭތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ހުކުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށް ފޮނުއްވި މެސެޖްގައި ވިދާޅުވީ ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށްވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފު ކަމަށެވެ.
"ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާހްވުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ގާނޫނީ ވަކީލް އަހުމަދު މުއިއްޒުވެސް ވަނީ ޓްވީޓް ކުރައްވާފައެވެ، އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެކަމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިޝް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ދޫކޮށަލާފައި ކަމަށެވެ.
"އޭގެފަހުން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށްއެދި މީހަކު ހުށަހެޅިކަމެއް ނުވަތަ ނޫންކަމެއް އަދި ހައިކޯޓުން މީހަކު ދޫކުރިކަމެއް އަޅުގަނޑަކަށް ނޭނގޭ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށާއި، ހުކުމުގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް، މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކުރުމުގެ ފުރުސަތު އެބައޮތްބާ؟" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ ތަފާތު ކުރުމެއްނެތި މީގެ ކުރިން ވަގުންނަށް ބެއިލް ނުލިބޭ ކަމަށެވެ. މިހާރު ވަކި ލިބެންވީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހު ހުކުމް ކުރުމަށް ފަހު އެމަނިކުފާނު މާފުށީ ޖަލުގެ ހާއްސަ ޔުނިޓެއްގައި ބަންދުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.
މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.