މިއަދު ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުގެ ފަރާތުން ރާއްޖެއައި ސައިންޓިސްޓުން ރާއްޖޭގެ އެކި ރަށްތަކުގެ ކަނޑުތަކުގެ ދިރާސާތައް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، މި ޖަމިއްޔާ އެއްކޮށް މަސައްކަތް ކުރުމަށް މާލެއިން ފުރައިފައިވާ ކަމަށާއި އެކަމަކީ ރާއްޖޭގެ ނޫ އިގްތިސާދު ކުރިއެރުމަށް ކުރެވޭ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއެ ކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިހާރު އ.ދ ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިގްތިސާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ވިއުގައެކެވެ. މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އެ ޖަމާއަތާއި ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަގްސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.