ތަމްރީންތަކަށް ދިވެހި ފުލުހުން އިންޑިއާ އަށް ފުރަން ފަށާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިތަމްރީން ތަކަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވައުދުވެވަޑައިގެންނެވި ތަމްރީން ތަކެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންވެސްޓިގޭޝަން އަދި ފޮރެންސިކް ޓީމްގެ ދެވަނަ ގުރޫޕް މިއަދު އިންޑިއާއަށް ފުރާފައިވާ ކަމަށެވެ. 10 ދުވަހުގެ މި ޓްރެއިނިން ކުރިއަށް ދާނީ އިންޑިއާގެ ގުޖުރާތް ފޮރެންސިކް ސައިންސް ޔުނިވަސިޓީގައި ކަމަށެވެ.

"މިއީ އިންވެސްޓިގޭޝަން ކުރުމުގެ ދާއިރާއިން ލިބޭނެ އިތުރު ކުރިއެރުމެއް،" ހަމީދު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ފުރަތަމަ ބެޗުގެ 20 ފުލުހުން މިހާރު ތިބީ އިންޑިއާގައެވެ. "ފިންގާ ޕްރިންޓް ޑީއެންއޭ" އާ ގުޅޭ އެ ތަމްރީން ނިމޭނީ ހުކުރު ދުވަހުއެވެ.

ދިވެހި ފުލުހުންނަށް ޓްރެއިނިން 100 ފުރުސަތު ދިނުމަށް މޯދީ ވަނީ ވައުދުވެވަޑައިގެންފައެވެ.