ނ. މަގޫދޫ 2 މަޝްރޫއެއް ފެށުމަށާއި އަދި ނ.މާފަރު 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފިއެވެ.

ނ. މަގޫދޫގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމާއި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެރަށަކީ އާބާދީގައި 350 މީހުން ދިރިއުޅޭ ރަށެކެވެ. މީގެ އިތުރުން އާބާދީގައި 1200 މީހުން ދިރިއުޅޭ ނ.މާފަރު ގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރަކާ، އައުޓްޑޯ ޖިމެއްގެ އިތުރުން ފުޓްބޯޅަ ދަނޑަކާއި، ޕޮލިސް ޕޯސްޓެއް ހެދުމަށް މި މަހުގެ 11 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައިވެއެވެ.

އެމްޓީސީސީއިން ބުނީ ރާއްޖޭގެ ރަށްތަކުގައި ރައްޔިތުންނަށް ބޭނުންވާ މިފަދަ މުހިއްމު މަޝްރޫއުތައް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައީސް ޑރ.މުއިއްޒުގެ އިރުޝާދާ އެކު މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏާއި ހަވާލުކުރެވިފައިވާކަމަށެވެ. އަދި މިފަދަ މަޝްރޫއުތައް ފެށުމުގެ ސަބަބުން އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެން ދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވޭދުވެދިޔަ 44 އަހަރުތެރޭގައި އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.