ޕައިލެޓުކަން ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާތަކެއް ވެއްޖެއެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ ފިލިޕީންސްގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކަށް ކަމަށާއި، ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ހަނިމާދޫ، އަބްދުލް މާނިއު އެވެ. ނަމަވެސް އޭނާއަަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު މިހާތަނަށް ލިބިފައި ނުވާ ކަމަށް އޭވިއޭޓާސް އިން ވަނީ ބުނެފައެވެ.

މިއާއެކު އޭވިއޭޓާސް އިން ވަނީ މިފަދަ ތަމްރީނުތައް ހަދަމުން ދާއިރު ސަމާލުކަން ދިނުމަށާއި، ހާއްސަގޮތެއްގައި އިންޖިން އޮޕަރޭޓު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މަތިންދާބޯޓު ނިވައިނުލައި މާނިއު ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހިގެންނެވެ. އަދި މި ހާދިސާގައި އޭނާގެ މޫނަށް އަނިޔާތަކެއް ލިބިފައިވާކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.