ހުޅުމާލޭގައި ހުންނަ ކެފޭއެއްގައި ރޭ މާރާމާރި ހިންގި ނޭޕާލް މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިނގާފައިވަނީ ނޭޕާލް މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު ކަމަށެވެ. މި މައްސަލައިގައި ނޭޕާލް މީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާއި ދެމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ބަންގްލަދޭޝް މީހާއަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް ވަނީ ބިދޭސީންގެ މެދުގައި ތަފާތު މާރާމާރީތައް ހިނގާފައެވެ. އެގޮތުން ދާދިފަހުންވެސް ވަނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި މާރާމާރީއެއް ހިންގާފައެވެ. މި މާރާމާރީގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު މި މާރާމާރީ އާއި ގުޅިގެން ނޭޕާލްގެ 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކުރާ ބީދޭސިންތަކެއްގެ މެދުގައިވެސް ވަނީ މި މަހުގެ 2 ވަނަ ދުވަހު ބޮޑު މާރާމާރީއެއް ހިނގާފައެވެ. މި މާރާމާރީގައި 3 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.