ލ. މާންދޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓުވި ޒުވާނާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ލ. މާންދޫ ބެންޑް ސަރަހައްދުގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓު ވެފައިވާ މައްސަލަ ރޭ ދަންވަރު 1:40 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 30 އަހަރުގެ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 08:45 އެހާކަންހާއިރު ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީވެސް އެކްސިޑެންޓުތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޖުމުލަ 829 ޓްރެފިކް އެކްސިޑެންޓު ހިނގާފައިވާކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.

ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު ފުލުހުން ވަނީ މީގެތެރެއިން ގިނަ އަދަދެއްގެ މީހުންގެ އަތުގައި ލައިސެންސްވެސް ނޯންނަ ކަމަށާއި މަގުމަތީގެ ސަލާމަތީ ފިޔަވަޅުތަކަށް ނުބަލާ ދުއްވާކަމަށް ބުނެފައެވެ.