ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލްގެ އެހާރާއި މިހާރުގެ ހުރިހާ ހިދުމަތްތެރީންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުމާއި ގުޅިގެން ތަހުނިޔާ ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވެލާނާ އެއާޕޯޓުގެ އަހަރީ ދުވަސް މިއަދު ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، 59 ފޫޓުގެ ކޭކެއްފެޅުމުގެ އިތުރުން އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުން، ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ހިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވެގެންދާނެ އަހަރެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ސްޓޭކްހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ހިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ވަނީ ޒަމާނުންސުރެ ދަތުރުފަތުރުގެ ދަތިކަމަށް ހައްލުހޯދައި ދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ތަރައްގީ ކުރެވެމުންދާ ވީއައިއޭގެ އާ ޓާމިނަލް މިއަހަރުގެ އޮކްޓޫބަރުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރާ ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލަކަށްވާއިރު ރައީސް ވިދާޅުވީ އާ ޓާމިނަލްގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށާއި، އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހުންނާނެ ކަމަށެވެ.