ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ކުރިއަށްދާގޮތް ބެލުމަށް އެކުލަވާލާފައިވާ ޖޮއިންޓް ވޯކިން ގްރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
'މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ ފީލްޑް އޮފް ހެލެތް' ގެ ދަށުން ބޭއްވި މި ޖޮއިންޓް ވޯކިން ގްރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެއެވެ. މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމުގެ މަޝްވަރާތައް ކޮށްފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ސިއްހީ ދާއިރާއިން މީހުން ބިނާ ކުރުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާއި، އާންމު ސިއްހަތު ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ހޯދުން ހިމެނެއެވެ. އަދި އިންޑިއާއިން ރާއްޖޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކެންސަރުބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ ފަރާތުން މި ވޯކިން ގްރޫޕްގެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެލައްވާފައި ވަނީ ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހަދީޖާ އަބްދުއްދަމަދު އަބްދުﷲއެވެ. އިންޑިއާގެ ފަރާތުން އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެލެއްވީ އިންޑިއާގެ ހެލްތް މިނިސްޓްރީގެ ސެކެޓްރީ ޕްރީތީ ސުދާންއެވެ. މި ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖޭގެ ހެލްތް މިނިސްޓްރީގެ އިސް ފަރާތްތަކުގެ އިތުރުން ފޮރިން މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.
ޖޮއިންޓް ވޯކިން ގްރޫޕްގެ ބައްދަލުވުމުގެ ކުރިން އިންޑިއާގެ ޓީމް ވަނީ އެކްޓިން މިނިސްޓާ އޮފް ހެލްތް ޑރ. އިބްރާހިމް ހަސަންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިއްހީދާއިރާ ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ބައްދަލުވުން ނިމިގެން ދިޔައީ، ދެ ގައުމުގެ ގުޅުމަށް އައި ހެޔޮ ބަދަލާއެކު ސިއްހީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން ހައްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ޔަގީންކަމާ އެކުގައެވެ.
'މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ ފީލްޑް އޮފް ހެލެތް' އެކުލަވާލާފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަ ޖޫން 8 ވަނަ ދުވަހެވެ.