ޖަލުގައި ބަންދު ކުރެވޭ ގައިދީންގެ ފަރާތުން ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންނަށް އަނިޔާ ލިބެމުން އަންނަ ކަމަށް ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

މުނާޒު މިފަދައިން ވިދާޅުވެފައި މިވަނީ މާފުށި ޖަލުގައި ގައިދީންނާއި އޮފިސަރުންތަކާ ދެމެދު ހަމަނުޖެހުން ހިންގާފައި ވަނިކޮށެވެ.

މުނާޒު ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ފަރާތުން ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިއެކި ގޯނާ ކުރަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރާ މީހުންނަށް ހެޔޮ ވިސްނައިދީ އިސްލާހުކޮށް ރެހިބިލިޓޭޓުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސް މުވައްޒަފުންގެ އަމާޒު ކަމަށެވެ.

"ކަރެކްޝަންސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ވެސް ކެތްތެރިކަމާއި އެކު އަޅުގަނޑުމެން އަޅަމުން ގެންދާނަން،" މުނާޒު ވިދާޅުވިއެވެ.

މުނާޒު މިފަދައިން ވިދާޅުވިއިރުވެސް މާފުށި ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމެއް ނުވަތަ ނޫން ކަމަށްވެސް ސާފުކޮށެއް ނުދެއްވައެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި، ޖަލު އޮފިސަރުންގެ ގަޔަށް ލޮނުމިރުސް ފެން ޖަހާ ހަމަނުޖެހުން މިއަދު ވަނީ ހިނގާފައެވެ. މި ހަމަނުޖެހުން ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރިމީހަކު، އޭނާ ބަހައްޓާފައި ހުރި ގޮޅިން ބޭސް ދިނުމަށް ނެރުނު ވަގުތުއެވެ. އަދި އޭނާ ޖަލު އޮފިސަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ޖަލު އޮފިސަރަކު އޭނާ އަށް ހަމަލާދީފައިވާ ކަމަށްވެސް އެނގިފައިވެއެވެ. މައްސަލަ ހޫނުވީ އޮފިސަރު ގައިދީ ގައިގައި ޖެހުމުން ކަމަށްވެސް އެނގިފައިވެއެވެ.

އަދި ޖަލު އޮފިސަރު ހަމަލާ ދިނުމުން ގައިދީން ވަނީ ޖަލު އޮފިސަރުގެ ގަޔަށް ލޮނުމިރުސް ފެން ޖަހާފައެވެ. މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ކަރެކްޝަން އޮފިސަރެއްގެ ގަޔަށް ލޮނުމިރުސް ޖަހާފައި ވަނީ ގައިދީއަކު ޑޮކްޓަރަށް ދައްކަން އެދުމުން އެކަން ކޮށް ނުދިނުމުންނެވެ. ނަމަވެސް އެ ގައިދީ ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކޮށްފައެއް ނުވެއެވެ.

ޖަލުގައި ގެންދަނީ ބޭސް ފަރުވާ ދިނުމަށާއި ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލައި އަޑުގަދަވެސް ކުރަމުންނެވެ.މި ހަމަނުޖެހުންތަކާއި ގުޅިގެން ރިމާންޑު ޖަލުގައި ތިބި މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ވަނީ ފަށައިފައެވެ. މި މައުލޫމާތާއި ގުޅިގެން ކަރެޝްޝަންސްގެ މީޑިއާ އޮފިސަރަށް "ދަޕްރެސް"އިން ގުޅުމުން ފޯނު ނުނަންގަވާތީ ކަރެކްޝަންގެ ބަހެއް އަދި ނުލިބެއެވެ.