ށ އަތޮޅު ރަށެއްގެ ގޮނޑުދޮށުގައި ދަލެއްގައި ޖެހި މަރުވެފައި އޮތް ވެލައެއް ފެނިއްޖެއެވެ.

އެ ވެލާ ފެނިފައި ވަނީ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުރަސްފަރަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ދަތުރުގެ ބައިވެރިއެއް ބުނީ އެ ވެލާ ދާގަނޑުން ނެއްޓެއް ކުރި މަސައްކަތުން މަރުވެފައި ވަނީ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ވެލާގެ ކަރުގައި ދާގަނޑު އޮޅިފައި ވާ ކަންވެސް އެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

ށ.ހުރަސްފަރުގައި މަރުވެފައި އޮއްވާ ފެނުނު ވެލާއަށް ކޮށްފައިވާ ޕޯސްޓް

ވެލާއާށް ހެދީ ކިހިނެއްތޯ އެހުމުން އޭނާ ބުނީ ބަލާބެލުމަށް އެއީ ދާދި ފަހުން މަރުވެފައި ވާ ވެލައެއް ކަމަށެވެ. ވެލާ ކައިރިން ނުބައިވަސް ދުވާ ކަމަށާއި އޭތި ވަނީ ކުނިވެ ފުޅަ އަޅާފައި ކަމަށްވެސް އޭނާ ބުނެއެވެ. އެހެންކަމުން އެ ވެލ ވަޅުލާން އަތްލާން ނުކެރުނު ކަމަށް އޭނާ ބުނެއެވެ.

ރާއްޖޭގައި މިކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާކަން ގިނަ ބަޔަކު ގަބޫލު ކުރާއިރު، މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާ މީހުން މަދުކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ތެރޭގައި އަނިޔާވެރި ގޮތަކަށް ވާޖަހައި އައްސާފައި އޮތް ވެލައެއް ވެސް ވަނީ ފެނިފައެވެ.

ރާއްޖޭގައި ވެލައަކީ ހިމާޔަތް ކޮށްފައިވާ އެއްޗެކެވެ. އަދި ވެލާ ހިފުމަކީ ރާއްޖޭގައި މަނާ ކަމެކެވެ. ވެލާ ހިފާ މީހުންނަށް ގާނޫނީ ބޮޑެތި އަދަބު ކަނޑައަޅާފައި ވީ ނަމަވެސް ފިޔަވަޅު އަޅާފައި ވަނީ މަދު ފަހަރެއްގައެވެ.