މިދިޔަ އަހަރު ނުހައްގުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލް ކުރަން ޖެހިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ ތަހުނިޔާގެ ޓްްވީޓާއެކު ޝިޔާމް ވިދާޅުވީ މިދިޔަ އަހަރު ނުހައްގުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލް ކުރަން ޖެހިވަޑައިގަތީ ރައީސް ޔާމީނަށް ކަމަށެވެ. މިއަހަރުގެ ފުރަތަމަ ދުވަހު ވެސް ގޮވާލަނީ އެމަނިކުފާނަށް ކުރާ އަނިޔާ ހުއްޓާލައި، މިހާރުން މިހާރަށް މިނިވަންކުރުމަށް ކަމަށްވެސް އޭނާގެ ޓްވީޓްގައިވެއެވެ.
ޝިޔާމް ވަނީ މީގެ ކުރިންވެސް ރައީސް ޔާމީން ދޫކޮށްލުމަށް އެކި ފަހަރު މަތިން ގޮވާލާފައެވެ. އެގޮތުން ޝަރުއީ ކޯޓުތަކުގައި ތިއްބެވީ ﷲއަށް ބިރުވެތިވާ ފަނޑިޔާރުން ކަމަށް ވާނަމަ މިއީ ދުވާލުކަން ޔަގީންވާ ފަދައިން ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކުށެއް ނެތްކަން ގަބޫލު ކުރައްވާނެ ކަމަށްވެސް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ގާނޫނުތައް ހިތުހުރި ގޮތަކަށް މާނަކޮށް، ދައުލަތުން ޔާމީނަށް އަނިޔާ ދެމުންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހުކުމާ އެކު ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިހާރު ވަނީ އެހުރިހާ ކަމެއް މުޅިންހެން ހުއްޓި އިދިކޮޅުގެ އަޑު އެއްކޮށްހެން މަޑުވެފައެވެ.