2019 ވަނަ އަހަރު ނިންމާ، މީލާދީ އާ އަހަރެއްގެ ފެށުމާ ދުނިޔެ މިވަނި ކުރިމަތިލާފައެވެ. އާ ސާސްކަފުގެ 2 ޑިކޭޑް ނިންމާ، އާ ޑިކޭޑެއް ނުވަތަ 10 އަހަރަކަށް މިވަނީ ގުނަން ފަށާފައެވެ. މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެން ގައުމުތަކުގެ ތަރައްގީގެ އަމާޒެއް ކަމުގައި ކަނޑައެޅި '2020ގެ ތަސައްވުރާ' އެންމެ ފުރަތަމަ ބައްދަލުކުރީ ދުނިޔޭގެ އިރުމަތީ ބިތުގެ ގައުމުތަކެވެ. 2020 ވަނަ އަހަރާ ބައްދަލުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ރެއިން ފެށިގެން ކުރިއަށް ގެންދާއިރު، އާ އަހަރަކާ މުޅި ދުނިޔެވެސް ކުރިމަތިލާފައި މިވަނީ ނުތަނަވަސްކަމުން ފުރިފައިވާ ހާލެއްގައެވެ.

އޮސްޓްރޭލިއާ ރޯވެ އަނދަނީ

އާދަޔާ ހިލާފަށް ހޫނާ ވައި ގަދަވުމުގެ ސަބަބުން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް ވަނީ ރޯވެފައެވެ. ސަލާމަތްވާން ދުވާނެ މަގެއް ނެތި، އިއްޔެވެސް އެތައް ހާސް ބަޔަކު ވަނީ މޫދުގައި ސަލާމަތް ހޯދަން މަޖުބޫރުވެފައެވެ.

އޮސްޓްރޭލިއާގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ސައީދު ހާން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތައް ވަނީ އަނގުރު އަލިފާނުގެ ރަތްކުލައިން ދިއްލިފައެވެ. އޮކްޓޯބަރު މަހާ ހިސާބުން ފެށިގެން ކަހަލަ ގޮތަކަށް އޮސްޓްރޭލިއާގައި ރޯވާން ފެށި އަލިފާންގަނޑުތައް މިހާރު އެތައް ސަތޭކަ ކިލޯމީޓަރަކަށް ދެމިގެންދާ 4 ސްޓޭޓަކަށް ފެތުރިފައިވާއިރު، 11 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ހުރިހާ ކަމަކާ، އާންމުންގެ ދެބަސްވުންތަކާއެ ކުގައިވެސް އޮސްޓްރޭލިއާގައި ވަނީ 2020 އަށް މަރުހަބާ ކިއުމަށް ކުލަގަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އާންމުންގެ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށް، ބަޑިބޭހުގެ ކުޅިވަރުތަކެއްވެސް އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަކަން ފާހަގަކުރަންޖެހެއެވެ.

ހައްލު ނުލިބިވާ އިންޑިއާއާއި ހޮންގްކޮންގް މުޒާހަރާތައް

ހުއްޓުމެއް ނެތި އެތައް މަހަކަށް ދިގުލާ ގޮސްފައިވާ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދާ ހޮންގްކޮންގްގެ ރައްޔިތުން 2020 ވަނަ އަހަރުގެ ފެށުމާ ކުރިމަތިލީ '2019 ހަނދާން ނައްތާ ނުލުމަށާ، 2020ގައިވެސް (އެކަން) ކުރިއަށް ގެންދިއުމަށް' ހިތްވަރު ދެނިވި ޝިއާރާއެކުގައެވެ.

އާ އަހަރުގެ ފެށުމާ ދިމާކޮށް ހޮންގްކޮންގްގެ ރައްޔިތުން ކުރަމުންދިޔަ މުޒާހަރާތައް ހުއްޓާލާފައެއް ނުވެއެވެ. ނަމަވެސް މުޒާހަރާތައް ނިމުމަކަށް އައުމަށް އެދޭ އެކަމަށާ، އެއީ ފަހަރެއްގައިވެސް ބަލިވެގެން ނިންމާލާ ނިންމުމަކަށް ވުން ނޭދޭ ކަމަށާ، އެއީ ނަސްރު ލިބިގެން އަންނަނިވި ނިމުމަކަށް ވުން އެދޭކަމަށްވެސް އެގައުމުގެ ރައްޔިތުން ވަނީ ބުނެފައެވެ.

އާ އަހަރުގެ ފެށުމާ ގުޅިގެން ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލޭމް ދެއްވި މެސެޖުގައި ހަމަޖެހުން ގާއިމުކޮށް، ސުލްހަވުމަށް ގޮވާލައްވާފައިރު، އިއްޔެ އެކަނިވެސް ހޮންގްކޮންގްގެ މަގުތަކަށް 6000އެއްހާ ފުލުސް އޮފިސަރުން ވަނީ ނެރެފައެވެ.

ޗައިނާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން މިނިވަންވެ، ޑިމޮކްރަސީގެ ފޮނި މީރުކަން ހާސިލުކުރުމުގެ އުއްމީދުގައި ހޮންގްކޮންގްގައި ކުރިއަށްދާ މުޒާހަރާތަކަށް ހައްލެއް ލިބިދާނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުލިބެއެވެ.

ހޮންގްކޮންގްއެކޭ އެއްފަދައިން ހުއްޓުމެއް ނެތް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ އަނެއް ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިންސާފެއް ނެތް އިސްލާހާ ގުޅިގެން އެގައުމުގެ މައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިއަށްދާއިރު، މި ދަނޑވަޅަކީ، އިންޑިއާގެ ބައެއް ހިސާބުތަކަށް ފާއިތުވީ 100 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މޫސުމީ ގޮތުން އެންމެ ފިނި ގަދަވި ދުވަސްތައްވެސް މެއެވެ.

ދެކުނު ކޮރެޔާގައި 2020 ވަނަ އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ހަދާފައިވާ މެސެޖު ކާޑުތަކެއްގައި މީހަކު ލިޔަނީ/ފޮޓޯ: އޭޕީ

އާ އަހަރުގެ ފެށުމާ ދިމާކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ޒާތުގެ ހަރަކާތްތައް މިއަދުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.