އަހަރީ ޗުއްޓީ ހޭދަކޮށްލެއްވުމަށް ރައީސް ސޯލިހު މާދަމާ ލަންކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ކުރައްވަން ހަމަޖެހިފައިވާ ނުރަސްމީ ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު ލަންކާއަށް ވަޑައިގަންނަވާނީ ހަތަރު ދުވަހަަށް ކަމަށެވެ. އަދި ޗުއްޓީ ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ހުކުުރު ދުވަހުއެވެ. ރައީސްގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގައެވެ. މި އަހަރުގެ ކުރީކޮޅުވެސް ރައީސް ވަނީ ލަންކާ އަށް ނުރަސްމީ ދަތުރުފުތަކެއް ކުރައްވާފައެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ރައީސް ސޯލިހު އެ ގައުމަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ބައްދަލު ކުރައްވާފައެވެ.