ޕީޕީއެމް މަސައްކަތް ކުރަންވީގޮތް އެއްވެސް ޕާޓީއަކުން ބުނެދޭން ނުޖެހޭނެ ކަމަށާއި، ޕީޕީއެމް ނޫން ދެން ތިބި ޕާޓީތަކަކީ މި ސަރުކާރުގެ ބައިވެރިން ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކުރީގެ ހޯމް މިނިސްތަރުވެސް ހިމެނިވަޑައިގަންނަވަނީ އެ ލިސްޓުގައި ކަމަށެވެ.

ޝުޖާއު ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ލީޑާޝިޕް އޮތީ ވަރަށް "ސަޅިކޮށް" ކަމަށާއި އަދި ހީވެސް ނުކުރާހާ ބަދަހިކޮށް ކަމަށެވެ. އަދި ޕީޕީއެމްގެ މެންޓޯއަކީ ރައީސް ޔަމީން ކަމަށާއި، އެ ޕާޓީ ހިންގަނީވެސް ރައީސް ޔާމީން ބޭނުންފުޅުވެއްލައްވާ ގޮތައް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މިހެން ރައްދު ދެއްވާފައިވަނީ އިދިކޮޅު ފަރާތްތައް ވަނީ ކޮޅުބެދިފައި އޮތް މަގަކަށް ވަދެވިފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާއި ގުޅިގެން ނެވެ.

އުމަރު މިގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ މިއަދު އިދިކޮޅުން ދާނެ މަގެއް ދައްކަވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ނެވެ. އަދި މިއަދު ރައީސް ޔާމީން ނެތުމުން އިދިކޮޅު ދާންވީ މަގު ދައްކާނެ ފަރާތެއް ނެތް ކަމަށް ސައީދު ވިދާޅުވުމާ ގުޅިގެން ނެވެ.

ޕީޕީއެމް މަގު އޮޅިފައި ވާހަކަ ދައްކާ އިރު، ޕީޕީއެމްގެ ލީޑާޝިޕްއަށް ޝައުގުވެރިވާކަން އުމަރު ނަސީރާއި ސިޔާސީ ބައެއް ފަރާތްތަކުން ހާމަކުރައްވާފައިވެއެވެ.