ގައުމީ އިންޓެލިޖެންސް އެޖެންސީއެއް ގާއިމުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ އިންޓެލިޖެންސް އެޖެންސީއެއް ގާއިމް ކުރުމަކީ އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މަނީ ލޯންޑަރިންނާއި ހިއުމަން ޓްރެފިކިންނާއި ޓެރަރިޒަމްގެ ކުށްތައް ފަދަ ސީރިއަސް ކުށްތައް ހުއްޓުވުމަށްޓަކައި ގައުމީ އިންޓެލިޖެންސް އެޖެންސީއެއް އުފެއްދުން ވަރަށްވެސް މުހިންމު ކަމަށް ހަސަން ވިދާޅުވިއެވެ.

ނެޝަނަލް އިންޓެލިޖެންސް އެޖެންސީއެއް އުފެއްދުމަށް ހަސަން ލަތީފް ގޮވާލާފައި ވާއިރު، އެމްއެންޑީއެފުން ވަނީ ސެކިއުރިޓީ އެލާޓް މަތިކޮށްފައެވެ. އެގޮތުން "ޔެލޯ 2" އަށް ބަދަލު ކޮށްފައި ވަނީ ފަތުރުވެރިން ގިނަ ދުވަސް ވަރަކަށް ވާތީ، އެފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށް ސަރުކާރުން ބުނެއެވެ.