އިދިކޮޅު ފަރާތްތައް ކުރިއަށްދާނެ މަގުތައް ބެދިފައިވާ ކަމަށާއި މިހާރު މިއޮތް ހާލަތުން ކުރިއަށް ދެވޭނީ އެހެން ވިސްނުމެއް ނެރެވިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިގޮތަށް ވިދާޅުވެފައިވަނީ "ރައީސް ޔާމީން މިނިވަންވާނެ ކަމަށް ނުދެކޭ ކަމަށާ މިއަދު އިދިކޮޅަށް ދާނެ މަގެއް ނެތް" ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާއި ގުޅޭގޮތުންނެވެ.

އުމަރު ވިދާޅުވީ އިދިކޮޅު މިއަދު ވަނީ ކޮޅު ބެދިފައިވާ މަގަކަށް ވަދެވިފައި ކަމަށާއި ކުރިއަށް ދެވެންނެތް ކަމަށެވެ. އަދި ފަހަތަށް ނުކުމެވޭކަށް ނެތް ކަމަށެވެ.

"މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް، މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން،"
އުމަރު

ސައީދު ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ އިދިކޮޅު ކުރިއަށް ދާނެ މަގު ދައްކާނެ ކަމަށާއި ނަމަވެސް މިއަދު އެހާލަތުނެތް ކަމަށެވެ.

"ރައީސް ޔާމީން މިނިވަންވާނެ ކަމަކަށް އަޅުުގަނޑު ގަބޫލެއް ނުކުރަން، ރައީސް ޔާމީން މިނިވަން ކަމާއެކު ހުންނަވައިފިނަމަ އަޅުގަނޑުމެންނަށް މަގު ދައްކަވާނެ، ކުރިޔަށް ދާންވީ ގޮތް ކިޔައިދެއްވާނެ އަދި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ސިޔާސަތަށް ލޯބިކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ކަމަކަށް ވެގެން ދާނެ، އެހެން ނަމަވެސް އެހާލަތެއް މިއަދަކު ނެތް،"
ސައީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރަން ހުރި އެކައުންޓުތައް ފުރީޒުކޮށްފައިވާ ކަމަށާއި މިއަދުވެސް ހާލަތު ބަދަލު ނުވާ ކަމަށެވެ. އަދި ޑިމޮކްރަސީގެ ނަމުގައި މި ސަރުކާރުން އޮޕަރޭޓް ކުރަނީ އެހެން ސިސްޓަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ. ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހުކުމާއެކު ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިހާރު ވަނީ އެހުރިހާ ކަމެއް މުޅިންހެން ހުއްޓި އިދިކޮޅު އަޑު މަޑުވެފައެވެ.