ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަންވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އިދިކޮޅު ދާނެ މަގެއްވެސް ނެތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ އިދިކޮޅު ކުރިއަށް ދާނެ މަގު ދައްކަވާނެ ކަމަށާއި ނަމަވެސް މިއަދު އެހާލަތު ނެތް ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރަން ހުރި އެކައުންޓުތައް ފުރީޒު ކޮށްފައިވާ ކަމަށާއި މިއަދުވެސް ހާލަތު ބަދަލު ނުވާ ކަމަށެވެ. އަދި ޑިމޮކްރަސީގެ ނަމުގައި މި ސަރުކާރުން އޮޕަރޭޓް ކުރަނީ އެހެން ސިސްޓަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިސަރުކާރުގައި ހަރުދަނާ އިގުތިސާދީ ސިޔާސަތެއް ނެތް ކަމަށާއި ސަރުކާރަށް އެއް އަހަރު ވީއިރު ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. މި ސަރުކާރުން ކުރަމުން އަންނަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައި ހުރި މަޝްރޫއުތައް ކަމަށެވެ. މަސައްކަތްތައް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ. ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހުކުމާއެކު ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިހާރު ވަނީ އެހުރިހާ ކަމެއް މުޅިންހެން ހުއްޓި އިދިކޮޅު އަޑު މަޑުވެފައެވެ.
މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނެގުމަށް ކޯޓް އަމުރަކަށް އެދިފައެވެ.