ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތުން ނަގަން ނިންމުމުން ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ސުވާލު އުފައްދައިފި އެވެ.
އާދަމް ޝަމީމް ސުވާލު އުފައްދަވާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނުގެ އެކައުންޓުގައި ހުރި މައްސަލައާ ގުޅުން ހުރި ފައިސާ ދައުލަތަށް ނެގުމަށް އަމުރަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޝަމީމް މިއަދު ކުރެއްވި ޓްވީޓުގައި، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް އަދި ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ދައުލަތަށް މުދާ ނެގުމުގެ އަމުރަކަށް އެދުމަކާނުލައި، ޕީޖީން މިހާރު މި ޖަހަނީ ކޮން ސަކަރާތެއްތޯ ސުވާލު ކުރައްވާފައެވެ.
ޕީޖީ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރައީސް ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވާތީ ކަމަށެވެ.
މި އަމުރަށް އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާއާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.
މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހެވެ. އެ ކުށަށް ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ.
މި އެނގެނީ ފާޑެއްގެ ސެޓްފިކެޓްގަޑެއް ހިފައިގެން ސޫޓް ތުރުކުރައްވައިގެން އުޅޭ ކޮންމެ މީހަކީ އިޚްލާޞްތެރި ލޯޔަރެއް ނޫންކަން. ޚޮންމެ ގޮތަކުންވެސް ލާރިގަޑެއް ކައްވާލުން އެއީ ބައެއް ވަކިލުންގެ ލަދު ހަޔާތްކުޑަ އެމީހުންނަށް ޝަރަފުވެރި ކަމެއްކަންވެސް އެބަދޭަހަވޭ..... ޢެއީ ޔާމީނުގެ ފައިސާ ނޫންކަމަށް ޔާމިންވަނީ ތަކުރާރުކޮށް ބުނެ ހާމަކޮށްފައި.. ނުނަގަންވީ ކީއްވެ؟