ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންތުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ޕީޖީ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރައީސް ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވާތީ ކަމަށެވެ.
މި އަމުރަށް އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާއާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.
މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހެވެ. އެ ކުށަށް ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ.