ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަން ފޮނުއްވި، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންއާ މެދު ހުށަހެޅިފައިވާ ޝަކުވާތަކެއް ބަލަން ނިންމައިފައި ވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީން) ބުނެފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ފާއިޒު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމާފައި ހުރި ނިންމުންތަކުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ޖޭއެސްސީން ބަލަން ނިންމާފައިވާ ކަމަށެވެ.

އަދި ފާއިޒް ސުޕްރީމް ކޯޓަށް އަލުން ހަމަޖެއްސުމާ މެދު ރައީސަށް ލަފާ އަރުވާނީ، އެ މައްސަލަތައް ބަލާ ނިމުމުން ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީއަށް ހުށަހަޅަފައިވާ ފާއިޒާ ގުޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނެގި މައްސަލަ އާއި ޖުޑިޝަލް ކައުންސިލް އުފެއްދި މައްސަލައިގެ އިތުރުން ގަނޫނާ ހިލާފަށް އިހްތިސޯސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ވަދެ ނިންމާފައި ވާ ނިންމުން ތަކުގައި ފާއިޒު ބައިވެރިވެވަޑައިގެންފައި ވޭތޯ ބެލުން ހިމެނެއެވެ. އަދި އިތުރު އެހެން ބައެއް މައްސަލަތަކުގައި އެ މައްސަލަތަށް ނިންމި ފަނޑިޔާރު، ފަނޑިޔާރު ކަމުން ވަކިކޮށްފައި ވާތީ އެ ނިންމުން ތަކުގައި ފާއިޒް ބައިވެރިވެވަޑައިގެންފައި ވޭތޯ ބެލުން ހިމެނޭ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފާއިޒު އައްޔަން ކުރުމަށް ރައީސް ސޯލިހް ލަފާ ދެއްވީ، އެ ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ މުހައްމަދު ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުލްޣަނީ ވަކި ކޮށްފައިވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ޖޭއެސްސީން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނެވި މައްސަލަތަކަކާ ގުޅިގެން ކަަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އުއްތަމަ ފަނޑިޔާރު ކަމަށް ދާދި ފަހުން އައްޔަން ކުރެއްވި މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި ހުރިހާ ފަނޑިޔާރުންނަކީ ވެސް މިއަހަރުގެ ތެރޭގައި އައްޔަން ކުރެވުނު ފަނޑިޔާރުންނެވެ.