ގާތަކުގެ ތެރެއަށް ވަދެ ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް ފޮރުވުނު ނުވަތަ ފޮސިލައިޒްޑް ވެފައިވާ އެންމެ ޒަމާންވީ ގަސްތައް ކަމަށް ބުނާ ގަސްތަކެއް އެމެރިކާގެ ނިއު ޔޯކްއިން ފެނިއްޖެއެވެ.

މީގެ ކުރިން މައިން ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްފަހު މިހާރު ފަޅަށް ދޫކޮށްލަފައި އޮތް ސަރަހައްދުން ފެނުނު މި ފޮސިލައިޒްޑް ގަސްތަކަކީ، މީގެ ގާތްގަނޑަކަށް 386 މިލިއަން އަހަރު ކުރީގެ ގަސްތަކެއް ކަމަށް ބެލެވެއެވެ.

ނިއު ޔޯކްގެ ކައިރޯއިން ފެނުނު މި ގަސްތަކަކީ، މީގެ ކުރިން ފެނުނު މިފަދަ ގަސްތަކާ އަޅާ ބަލާއިރު 2 ނުވަތަ 3 މިލިއަން އަހަރު ދޮށީ ގަސްތަކެކެވެ. އެފަހަރުވެސް ގަސްތައް ފެނުނީ ނިއު ޔޯކްއިންނެވެ. ނަމަވެސް އެހެން ސަރަހައްދަކުންނެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ގަސްތައް ނިސްބަތްވި ޖަންގަލިތައް، ޕެންސިލްވޭނިއާއަށްވުރެވެސް ދުރަށް ފެތުރިފައިވުން އެކަށީގެންވެއެވެ.

މި ގަސްތައް ފެނުނު ސަރަހައްދަކީ ގިނަ އަދަދެއްގެ ޔުނިވާސިޓީތަކަކުން އިލްމީ ދިރާސަތަކާ ހޯދުންތަކެއް ކުރިއަށް ގެންދާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އެފަރާތްތަކުން ހަރަކާތްތެރިވާތާ 10 ވަރަކަށް އަހަރުވެދާނެއެވެ.