ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރްޕީ) ހަރަކާތްތެރިވާ ޕާޓީއަކަށް ވެގެން ދިއުމަކީ ޑިމޮކްރަސީއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑީއާރްޕީއަކީ ރާއްޖޭގެ ސިޔާސީ ވަރަށް ގިނަ ބޭފުޅުންގެ މަސައްކަތް ފެށިފައިވާ ޕާޓީއެއް ކަމަށެވެ. ޑީއާރްޕީ ބަލިކަށިވެގެން ދިޔައީ އާ ވިސްނުމަށް ޖާގަ ނުދެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ގެއްލުން ބޮޑު ކަމެއްގެ ގޮތުގައި މަލީހް ވަނީ ސިފަ ކުރައްވާފައެވެ.

އެޕާޓީ އަކީ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީއަކީ 2008ވަނަ އަހަރު ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވިގެން ބޭއްވި ރިޔާސީ އިންތިހާބުގައި ދެވަނައަށް އެންމެ ގިނައިން އާންމު ރައްޔިތުން ވޯޓުދިން ޕާޓީއެވެ. އެ ޕާޓީ ބައިބައިވީ އެމްޑީޕީގެ ވެރިކަމުގައެވެ. އޭރު އެޕާޓީގެ ބައެއް ވެރިންނަށް ކޮރަޕްޝަނުގެ ތުހުމަތުވެސް ކުރިއެވެ.