ނުނިމި ލަސްވާ މައްސަލަތައް ނުވަތަ "ވާނުވާ" މައްސަލަތައް ރިވިއުކުރުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖެއްސުމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު މަރުހަބާ ވުދާޅުވެއްޖެއެވެ.

ރިފްއަތު ކުރެއްވި ޓްވީޓެއްގައި "ވާނުވާ" މައްސަލަތައް ރިވިއު ކުރުމަށް ހަމަޖެއްސުމުން އެކަމަށް މަރުހަބާ ދަންނަވާ ވިދާޅުވީ "ވާނުވާ" ޖަހާފައި ތިބި އެތައް ބަޔަކަށް ޕީޖީގެ އެ ނިންމުމުން ފަސޭހަތަކަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ތިބި މީހުންނަށްވެސް އިންސާފު ލިބިގެންދާނެ ފަދަ މޭރުމަކުން ރިފްއަތު ވަނީ ޓްވީޓު ކުރައްވާފައެވެ.

ދައުވާ ކޮށްފައިވާ މައްސަލަތަކާއި ތަހުގީގު މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް ޚާއްޞަ ކޮމިޓީއެއް ޕީޖީ އޮފީހުން ވަނީ ދާދިފަހުން އުފައްދާފައެވެ.

ޕީޖީ އޮފީހުން ބުނީ، އެ ކޮމިޓީގެ މެންޑޭޓަށް ޕީޖީން މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް، އެ ނިންމުން ބަދަލުކޮށް، ކޮށްފައިވާ ދައުވާއެެއް ބަދަލުކުރަން ފެންނަނަމަ، އެކަން ކުރުމާއި ޝަރީއަތަށް މައްސަލަ ހުށައެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް މި ނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓިފައި ވާތީ އެކަން މުރާޖައާ ކުރަން ޖެހޭނަމަ އެކަން ކުރުން އިތުރު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހުގައި ވެސް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމެއް ވެސް މުރާޖައާކޮށް، މުތާލިއާ ކުރުން ރިވިއު ކޮމިޓީގެ މެންޑޭޓަށް އިތުރު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، އެކޮމިޓީގެ މެންޑޭޓަށް އިތުރުކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ދައުވާ އުފުލިފައިވާ މީހަކު ނުވަތަ ބަންދުގައިވާ ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ ޝަކުވާ ހުށަހެޅޭނެ ފޯމު، އެ އޮފީހާއި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ޕީޖީގެ ގޮފިތަކުންނާއި އޮފީހުގެ ވެބްސައިޓުގެ އިތުރުން ފުލުސް އޮފީހާއި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުންނާއި ކަރެކްޝަނަލް ސާވިސް އާއި އެ ސާވިސްއާއި އެ ސާވިސްގެ ދަށުން ހިންގަމުން އަންނަ ޖަލުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.