ލޯކަލް ކައުންސިލްތަކަށް ބާރު ދޭން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ގަލަންކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދިޔާ ކުރައްވައިފިއެވެ.
ސަރުކާރުން ހުށަހަޅައި، މަޖިލީހުން ފާސްކުރި އިސްލާހުތައް ރައީސް ތަސްދީގު ކުރެއްވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދައުވަތު ދީގެން ކްރޮސް ރޯޑްގައި މިއަދު ފެށި މަހާސިންތާގައެވެ. އެ މަހާސިންތާގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުން 200 އަށް ވުރެން ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ފަހުން ގާނޫނެއް ތަސްދީގު ކުރެއްވުމަށް ފަހު އެ ގާނޫނު ތަސްދީގު ކުރެއްވި ގަލަންކޮޅު ހަދިޔާ ކުރެއްވި ފުރަތަމަ ފަހަރެވެ.
ކައުންސިލްތަކަށް ބާރު ދިނުމަށްޓަކައި ސޮއިކުރެއްވި ގަލަންކޮޅު، މަޖިލިސް ރައީސަށް އެރުވީ އެކަމުގައި އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ.
ރާއްޖެއަށް ލާމަރުކަޒީ ނިޒާމު އެންމެ ފުރަތަމަ ތައާރަފު ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިިކަމުގައެވެ. އޭރު ސަރުކާރުން ބިލު މަޖިލީހަށް ފޮނުވުމުން އެ ބިލުގައި ހިމަނާފައިވާ ގިނަ ބައިތަކަށް މަޖިލީހުން ބަދަލުތަކެއް ގެނައެވެ. އޭރު މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރާއި ދެކޮޅަށެވެ. އެހެންކަމުން ބިލު ހުށަހެޅި މައިގަނޑު ބޭނުން ހާސިލުވެގެން ނުދިޔައެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދަކީ މައި ސަރުކާރަށް ބަރޯސާވާން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ.