ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންފައިވާ ފަދައިން ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ޖެހޭކަމަށެވެ.

މިއަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސްގެ މުވައްޒަފުންނާ ޖުޑިޝަރީގެ މުއައްޒަފުންނާއެކު ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަމެއްދޭހެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ވަޒީފާއާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ހުށަހަޅަންޖެހޭ އިސްލާހުތައް މި މަހު ހުށަހެޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ދެ އިސްލާހާއެކު މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުމާއެކު، އަދި އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.