ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ހިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ ހިއްސާކުރުމަށް ރައީސް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތާބުގައެވެ. ރައީސްގެ ހިތާބުގައި، ގައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑުހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ހިޔާނާތްތެރިކަން އާންމުވުމުންކަން ފާހަގަކުރައްވާފައި އެވެ. އަދި އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާންމުވުމަކީ ގައުމީ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ވަބާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާއީ އަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވައި، "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ފައްޓަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގެ ބޭނުމަކީ، ސިޔާސީ މަގާމުތަކަށް އައްޔަންކުރެވޭ މީހެއްގެ މާލީ ހާލަތު އާންމުކޮށް އެނގުމާއެކު، އެ މަގާމުގައި ހުރެގެން ނުޙައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއްވެސް ސަރުކާރުން މިހާރު ގާއިމުކުރައްވާފައިވާކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނީގޮތުން ގެންނަވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކޮރަޕްޝަނާއި ނުޙައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި، ގާނޫނުލް އުގޫބާތުގައި ކަނޑައެޅުމަށް، މިއަހަރުގެ ކުރީކޮޅު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުއްވިކަން ރައީސް ފާހަގަކުރައްވާފައި ވެއެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު، އެ ބިލު ފާސްނުވެ އޮތުމުން، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުއްވުމަށް ނިންމަވާފައިވާކަން ވެސް އެމަނިކުފާނުގެ ހިތާބުގައި ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް، ގާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" ތަސްދީގުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މި ގާނޫނުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތައިލުމުގައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވެގެންނ ދާނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ ހިތާބުގައި ދައުލަތުގެ މުއައްސަސާއަކުން ހިދުމަތެއް ހޯދުމަށް ނުވަތަ ހިދުމަތެއް ދިނުމަށްޓަކައި، ރިޝްވަތު ހިފައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެ ނަމަ، އެކަމެއްވެސް ހާމަކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި އެފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް އާންމު ނުވާނެ ގޮތަކަށް، ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި މިހާރު ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ގައުމުގެ ކޮންމެ ރައްޔިތަކުމެ، އަމިއްލަ ނަފްސަށް ތެދުވެރިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުމުންކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.