މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމާ ދެކޮޅަށް މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

"އަނިޔާވެރި ހުކުމާ ދެކޮޅަށް" މިނަމުގައި ބާއްވާ ޖަލްސާ ފެށޭނީ މިރޭ 8:30ގައި ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ޝިޔާމް ވަނީ މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދި ޓްވީޓު ކުރައްވާފައެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ހާއްސަ ރެލީއެއް ބާއްވާއިރު، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ކޮންމެ ރެއަކުވެސް އިހުތިޖާޖު ކުރަމުންނެވެ. ބައެއް ރޭތަކުގައި މާލޭގެ މަގުތަކުގައި އިހުތިޖާޖު ކުރަމުން އަންނައިރު ބައެއް ރޭތަކުގައި އެޕާޓީގެ އޮފީސް ދޮރުމަތީގައި ތިބެ އިދިކޮޅު ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމައި މިދިޔަ މަހުގެ 28 ގައި ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 5 އަހަރުގެެ ޖަލު ހުކުމެއް އިއްވާފައެވެ.