ބޭއިންސާފުން ރައީސް ޔާމީން ޖަލު ހުކަމް ތަންފީޒު ކުރުމާއި އަދި ޖަލުގައި ދެވޭ އަނިޔާގެ މައުލޫމާތު ކޮޅުބުގައި ތިއްބަވާ ބޭރުގެ އެކި މިޝަންތަކަށް ޕްރޮގްރެސިވް ކޯލިޝަނުން ހިއްސާކޮށްފި އެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރި ދަތުރު ނިންމާލުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މިދަތުރުގައި ރައީސް ޔާމީންގެ ޝަރީއަތް ހިނގާދިޔަގޮތް ބޭރުގެ ފަރާތްތަކަށް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖެ ތަމްސީލްކުރާ ކޮލޮމްބޯގެ ހުރިހާ މިޝަންއަކާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، އޭގެ އިތުރަށް ބައިނަލްއަގްވާމީ އެކި ފަރާތްތަކަށްވެސް މައުލޫމަތު ހިއްސާ ކުރައްވައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކުރާ، ދިވެހިރާއްޖެ ތަމްސީލްކުރާ ކޮލޮމްބޯގެ ހުރިހާ މިޝަންއަކާ ބައްދަލު ކުރިން. އަދި އޭގެ އިތުރަށް ބައިނަލް އަގްވާމީ އެކި ފަރާތްތަކާއެކުވެސް މައުލޫމަތު ހިއްސާކުރިން. މި ފަރާތްތަކަށް މި މައުލޫމާތު ހިއްސާކުރާ ސަބަބަކީ އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭ ސިޔާސި ހުކުމެއް ރައީސް ޔާމީން ތަންފީޒް ކުރަންޖެހޭ ކަމަކަށް"
ސައީދު

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ބާރުއަޅާނެކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދީފައިވާކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ މިކަން ބައިނަލް އަގްވާމީ ދުނިޔެއަށްވެސް ހާމަވެ، ރައީސް ޔާމީނުގެ ޝަރީއަތް ހިގައިދިޔަގޮތުގައި ގޯސްތަކެއް އުޅޭކަން އެބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ކުރެވުނު ދައުވާއިން ފެށިގެން ހުކުމް ތަންފީޒުކުރުމާ ހަމައަށް ވެސް އެމަނިކުފާނު ވަނީ އެތައް ހައްގަކުން މަހުރޫމް ކޮށްފައި ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ.ގެ ދަށުން، ރައީސް ޔާމީން 5 އަހަރުދުވަހަށް ޖަލަށްލުމާއެކު 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހު އެވެ.