ހުޅުމާލޭގެ އިރުމަތީ ފަރާތު ބީޗްގައި މިހާރު ފަށާ ޕްރޮޖެކްޓްގެ ދަށުން އެ ބީޗް އެއްކޮށް ދިއްލާލެވޭނެ ކަމަށް ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ބީޗް ސަރަހައްދު ތަރައްގީ ކުރާނެ ޕްލޭނެއްވެސް އޮތް ކަމަށާ، ނަމަވެސް މިވަގުތު ބަލަނީ ބީޗް ދިއްލުމަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ފަށާފައި ވާ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، ބީޗް ސަރަހައްދު ތަރައްގީ ކުރާއިރު، އެތަނުގައި އާއިލީ ހަވީރުތައް ބޭއްވުމާއި، އާންމު ފަރާތްތަކަށް ހިތް އުފާކޮށްލެވެނޭ ފަދަ މާހައުލެއް ގާއިމު ކުރައްވާނެ ކަމަށެވެ.

"މިހާރު ކެފޭ ރެސްޓޯރަންޓަކުން ކާއެއްޗެއް ހިފައިގެން ނުވަތަ ބޯއެއްޗެއް ހިފައިގެން ގޮސްވެސް ބީޗްގައި ތިބެވިދާނެ، ހިތް ހަމަޖައްސާލާ ހިތް އުފާކޮށްލަން، އެކަމަކު، ބީޗުގައި ކައްކާ ނުހެދޭނެ" ބީޗް ތަރައްގީ ކުރެއްވުމުގައި ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި ފެން ހޮޅި ވަޅުލުމުގެ މަޝްރޫއު ފެށުމަށް އެ ރަށުގައި ކެފޭ އަދި ރެސްޓޯރަންޓް ހިންގާ ބީޗް ސަރަހައްދު ބަންދުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ. އެޗްޑީސީން އެތަންތަނަ ބަންދުކުރީ ކެފޭ އަދި ރެސްޓޯރެންޓުތައް ހުސްކުރަން އެއް މަސް ދުވަހުގެ ނޯޓިސް ދީފައެވެ.

ސުހައިލް ވިދާޅުވީ، މިހާރު ބީޗް ސަރަހައްދުގައި ތިބޭނީ ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގާ މީހުން އެކަނި ކަމަށެވެ. އެމީހުންގެ ޓެންޓްތަކާ ބައެއް ސާމާނު ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން ހުޅުމާލެ އަލިކޮށް އަމާން ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ފަށާފައި ވާ މި ދަނޑިވަޅަކީ، ހުޅުމާލޭގެ އަނދިރި މަގެއްގައި މިދިޔަ ބުދަ ދުވަހުގެރޭ މީހަކު މަރާލި ދަނޑިވަޅެކެވެ. ހުޅުމާލޭގެ ބައެއް މަގުތަށް މިހާރުވެސް އަނދިރިކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، މަރުގެ އެ ހާދިސާ ހިނގި ސަރަހައްދަކީ އަނދިރިކަން ބޮޑު ސަރަހައްދެއްކަން ފާހަގަ ކުރެވެއެވެ.

އެޗްޑީސީން ހުޅުމާލެ ބީޗް ދިއްލަން މަސައްކަތް ކުރާ އިރު، ރަށުތެރޭގައި ހުރި ލައިޓްތައްވެސް ރަނގަޅު ކުރުމުގެ މަޝްރޫއެއް އެބަ ހިންގައެވެ. އެޗްޑީސީން ބުނެފައިވަނީ މިހާރު ހުރި ލައިޓްތައް ބައިނަލްއަގުވާމީ މިންގަނޑަށް ނުފެތޭ ކަމަށާ އެކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.