ޖިންސީ ގޯނާގެ ތުހުމަތުވި ކްރިކެޓް ކޯޗުގެ މައްޗަށް 9 ދައުވާއެއް އުފުލުމަށް ހުށަހަޅާއިފިއެވެ.

ޕީޖީ އޮފީހުން ބުނީ، ސައުތު އެފްރިކާގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާސިފް އަމީން ހާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާމެދު ބަދުއަހްލާގީ އަމަލު ހިންގި މައްސަލާގައި އޭނާގެ މައްޗަށް 9 ދައަވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޯޗު އާސިފް ފުރަތަމަ ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އޮކްޓޯބަރު މަހު 5 ވަނަ ދުވަހެވެ. އޭނާ ހައްޔަރު ކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިލައިގެން ފުރަންގޮސް ހުއްޓައެވެ. ނަމަ ވެސް އޭރު މުއްދަތު ޖެހުމަށް އޭނާ ކޯޓަށް ހާޒިރުކުރީ 24 ގަޑިއުރި ހަމަވީ ފަހުންނެވެ. އެހެން ކަމުން، ފުލުހުންގެ އިހުމާލުން އޭނާ ކޯޓަށް ހާޒިރު ކުރެވުނުލެއް ލަސްވުމުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އުމުރުކޮށް، އޭނާއަށް ރާއްޖެއިން ބޭރަށް ދިއުން މަނާކޮށް، 30 ދުވަހުގެ މުއްދަތެއްދިނެވެ.

އޭގެ ފަހުން ކޯޗު އާސިފް ވަނީ، ހައިކޯޓުން ނެރުނު އަމުރެއްގެ ދަޑުން މިދިޔަ ނޮވެމްބަރު މަހު ހައްޔަރުކޮށްފައެވެ. އޭރު އޭނާއަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއްދިނެވެ.

މި މައްސަލައާ ގުޅިގެން ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓު ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު ކްރިކެޓު ބޯޑުން އާއްމުންނަށް ފޮރުވާފައިވާކަން ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ޒުވާން ކްރިކެޓު ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ލިބިފައިވާ ކަމަށް ކުޅުންތެރިން ބުނެފައިވެއެވެ.

ހަމައެއާ އެކު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލިބުނު ގެއްލުން ފާހަގަކޮށް އެ ކުޅުންތެރިން ގޮވާލާފައި ވަނީ ކްރިކެޓު ބޯޑުގެ މެންބަރުން، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނަށާއި، ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގަށް އެހީތެރިވެ އެއްބާރުލުން ދިނުމަށެވެ.

އާސިފް ހާން ސަސްޕެންޑް ކުރި އިރު ގައުމީ ކްރިކެޓް ޓީމްގެ ކޯޗެއްގެ ގޮތުގައި އޭނާ ހުންނަތާ 2 އަހަރު ވެއްޖެއެވެ.