ހުޅުމާލެ އަމާން ތަނަކަށް ހެދުމަށް ލައިޓްތައް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫއެއް ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގެ އަނދިރި މަގެއްގައި ރޭ މީހަކު މަރާލާފައި ވާ އިރު، ހުޅުމާލޭގެ ބައެއް މަގުތަށް އަނދިރިކަން ފާހަގަ ކުރެވެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ރޭގައި އެ ހާދިސާ ހިނގި ސަރަހައްދަކީ މީހުން ދިރިނޫޅޭ ސަރަހައްދެއް ކަމަށާއި މަގުތަކުގައި ލައިތައް ހުރި ކަމުގައިވީ ނަމަވެސް އެއީ އަނދިރިކޮށް އޮންނަ ސަރަހައްދެއް ކަމަށެވެ.

މީގެ އިތުރުން މިހާރު ފުލުހުންނާ ގުޅިގެން މިހާރުން މިހާރަށް ރަނގަޅު ކުރެވެން ހުރި ކަންކަން ކުރަމުން ގެންދަވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

"ރޭގަ އެހާދިސާ ހިނގި ސަރަހައްދަކީ މަގުމަތީ ލައިޓްތައް ހުރި ކަމުގައި ވީ ނަމަވެސް އިތުރު ބިލްޑިންގްއެއް އެ ސަރަހައްދުގައި ނެތީމައި އަނދިރިކޮށް އޮންނަ ހިސާބެއް. އެހިސާބަކީ އަދި މީހުން ދިރިއުޅޭ ހިސާބެއް ނޫން. އަޅުގަނޑުމެން އިންޓެލިޖަންސް އާއި ޕޮލިހާ ގުޅިގެން އިތުރަށް ކުރެވެން ހުރި ކަންކަން ކުރަމުން މިދަނީ."
އެޗްޑީސީގެ އެމޑީ ސުހައިލް އަހުމަދު

މިހާރުވެސް އެޗްޑީސީއަށް ލައިޓްތައް ލިބިފައި ވާ ކަމަށާއި، މި ވަގުތު ބޮޑަށް އިސްކަން ދީގެން ކުރިއަށް ދަނީ ބޮކި އަނދާފައި ހުރި ތަންތަނުގެ ބޮކިތައް ބަދަލު ކުރުމުގެ މަސައްކަތް ކަމަށް ސުހައިލް ވިދާޅުވިއެވެ. ސީސީޓީވީ ވެސް މިހާރު ކޮންމެވެސް ވަރަކަށް ހަރުކުރެވިފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، 59، ގެ ކަރާއި ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ރޭ ފެނުނީ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުގައެވެ. އެއީ، ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ. ގާސިމްގެ މަރާ ގުޅިގެން ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރި ގިނަ ބަޔަކު ބުނެފައި ވަނީ، އެ މަރުގައި އެޗްޑީސީގެ އިހުމާލު ވެސް އެބަ އޮތް ކަމަށެވެ. ހުޅުމާލެ އަނދިރިވުމާއި ކެމެރާ ނެތުމުގެ އިތުރުން ރައްކާތެރި މާހައުލެއް ގާއިމް ކޮށްދޭން އެދި އާއްމުން ކުރި ޝަކުވާތަކަށް އެޗްޑީސީން ފަރުވާ ކުޑަކޮށްފައިވާ ކަމަށް ވެސް އެ މީހުން ދެކެއެވެ.