މާރުކޭޓު ހުޅުވުން ލަސްވެގެންދަނީ މާލެ ސިޓީ ކައުންސިލުގެ މެންބަރުގެ މެދުގައި އެއްބައިވަންތަ ކަން ނެތުމުގެ ސަބަބުން ކަމަށް ކައުންސިލް މެންބަރު އަހުމަދު ނިޔާޒު ވިދާޅުވެއްޖެއެވެ.

އެއް މަސް ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނެ ބަންދުކުރި ދަތުރުވެރިންގެ މާރުކޭޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކައުންސިލު މެންބަރު ނިޔާޒް ވިދާޅުވީ، މާރުކޭޓު ހުޅުވޭނެ ދުވަހާ ގުޅޭ ގޮތުން އެއްވެސް ކައުންސިލު މެންބަރަކަށް ސާފު ޖަވާބެއް ނުދެއްވޭނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ ތިން ބުރީގެ މާރުކޭޓެއް އަޅަން މިހާރު ވާހަކަ ދެކެވޭ ކަމަށާއި މާރުކޭޓަށް ގެންނަ އިތުރު ބަދަލުތަކާއެކު އެތަން ހަދަން ހަމަސް ނުވަތަ ހަތްމަސް ދުވަސް ނަގާނެ ކަމަށެވެ. މިކަންކަން ކުރުމަށް ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރެއިން ތިން މަސްދުވަސް ބޭކާރުވެގެން ގޮސްފައިވާ ކަމަށެވެ. މިހެން ކަންތައް ދިމާވެފައި ވަނީ ކައުންސިލު މެންބަރުގެ ތެރޭގައި އެއްބައިވަންތަކަން ނެތުމުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މެންބަރުން މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ގާތު މާރުކޭޓު ހުޅުވެޏޭ ދުވަހެއް ސާފުކޮށްދެއްވުމަށް އައްސަވާފައިވެއެވެ. ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ކައުންސިލް މެންބަރުން ބުނަމުން ދިޔައީ، ގެންނަން ޖެހޭ ބަދަލުތަކުގެ ސަބަބުން މާރުކޭޓު ހުޅުވޭނެ ދުވަހެއް އެ ކައުންސިލަށް އަދި ނޭނގޭ ކަމަށެވެ.

މިހާރު މާރުކޭޓުގެ ޑިޒައިން ބަދަލުކޮށް އެތަން ތިން ބުރީގެ އިމާރާތަކަށް ބަދަލު ކުރުމަށް މަސައްކަތް ފަށާފައި ވީ، ނަމަވެސް މިއީ ވަގުތީ ތަނަކަށް ކުރަން ޖެހޭ ހަރަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބައެއް ކައުންސިލް މެންބަރުން ބުނެއެވެ.

ކައުންސިލް މެންބަރު މުހައްމަދު ފަޒީން ވިދާޅުވީ އެ ބޭފުޅުންގެ ކޮމިޓީން ހެދި ޕްލޭނަކީ ރަނގަޅު ޕްލޭނެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވާއިރު އެތަނަށް އިތުރު ބަދަލުތައް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ. ގޮޅިތައް އިތުރު ކުރަން ބޭނުންވާ ނަމަ އެކަންވެސް ފަސޭހަ ކަމާއެކު ކުރެވޭ ގޮތަށް އެ ޕްލޭނުގައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަޒީން ވިދާޅުވީ މޭޔަރު ޝިފާ މުހައްމަދު ގެންގުޅުއްވާ ޕްލޭނަކީ ހިޔާލީ ޕްލޭނެއް ކަމަށާއި އެއަށް ފަންޑު ހޯދައި އެތަން ނިންމަން ގިނަ ދުވަސްތައް ނަގާނެ ކަމަށެވެ. އަދި ރަނގަޅު ގޮތަކީ ކައުންސިލްގެ ކޮމިޓީން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ގޮޅިތައް ހަދައި ވީހާ ވެސް އަވަހަށް ހިދުމަތް ދިނުން ކަމަށާއި އެކަމަށް ފަޒީންގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ފަޒީން ވިދާޅުވިއެވެ.

މާރުކޭޓުގެ ގޮޅިތަކާ ގުޅިގެން ކައުންސިލަރުންގެ މެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. މި ދެބަސްވުންތަކާ ހުރެ މާރުކޭޓު ހުޅުވުން ގަސްދުގައި ލަސްކުރަނީ ކަމަށް ބެލެވޭ ކަމަށް ކައުންސިލް މެންބަރު ނިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ މެޖޯރިޓީ މެންބަރުންގެ ނިންމުމަށް މޭޔަރު އަމަލު ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މާލެ ސިތީ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވީ ނަމަވެސް މާލެސީޓީގެ މާޔަރު ޝިފާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މި ވާހަކަތަކާ ގުޅޭގޮތުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މާރުކޭޓު ހުޅުވޭނެ ސީދާ ދުވަހެއް ބުނަން ނޭނގުނު ނަމަވެސް ގޮޅިތައް ލިބޭ މީހުން ހޮވާ ނިމޭއިރަށް އެތަން ހުޅުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ގޮޅިތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހު ހަމަވާނެއެވެ.