ވީޑިއޯ ކޮންފެނެރެންސް މެދުވެރިކޮށް މިއަދު އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބަދަލު ކުރި މި އެއްބަސްވުންތައް ބަދަލު ކުރުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ވަނީ މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މި ރަސްމިއްޔާތުގައި ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕެޔާ ކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާހްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ގައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ.

އިންޑިއާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އެގޮތުން ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވިއިރު ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީވެސް އިންޑިއާކަން ފާހަގަކޮށްލެވެއެވެ. އިންޑިއާގެ އެހީގައި މިހާރުވެސް ރާއްޖޭގެ ބައެއް ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައްވެސް އަންނަނީ ހިންގަމުންނެވެ.