ރީތިކޮށް ހެދުން އެޅުމަކީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެއް ނޫނެވެ. ސާފުތާހިރުކަމާއެކު ޒަމާނީ ހެދުމުގެ އެކި ފަރުމާތައް ހިޔާރު ކުރުމުގެ ފުރުސަތު ފިރިހެނުންނަށްވެސް އެބައޮތެވެ. މިގޮތަށް ކަން ކުރުމުގައި ސަމާލުކަން ދޭންވީ ކަމެއް އެބައޮތެވެ. އެއީ ފެންނަހާ އެއްޗެއް ލައި އުޅުމުގެ ބަދަލުގައި، އެމީހެއްގެ ހަމުގެ ކުލައާއި ވީހާވެސް ގުޅޭ ގޮތަކަށް ހެދުން އެޅުމަށެވެ. އެއީ ގަމީހާ ފަޓުލޫނު ނުވަތަ ޖީންސްއާއި ޓީޝާޓް ލީ ކަމުގައި ވީ ނަމަވެސްވެއެވެ. މިގޮތުން މި ބަލާލަނީ، ހަމުގެ ކުލަ އަނދިރި ފިރިހެނުން އަޅާނެ ހެދުމެއް ހިޔާރު ކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަމެވެ. ފެޝަން ގެ އިމަކުން ބަލަނީނަމަ ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ އެންމެނަކީވެސް ހަމުގެ ކުލަ އަނދިރި ބައެކެވެ.

ފެން-ކުލައަކީ ތިބާގެ ކުލަ

މިއީ ޕެސްޓަލް ނުވަތަ ސޯބޭ ކުލަތެކެކޭވެސް ބުނެވިދާނެއެވެ. މިއީ ވަރަށް ފަނޑު ކުލަތެކެކެވެ. މަޑު ރީނދޫ، މަޑު ނޫ މިހެން ގޮސް، ގަދަ ކުލައެއް ފެނަށް ގިރުމުން އަރާ ޒާތުގެ ކުލަތަކަށް ހުންނަ ފޭރާން ހިޔާރު ކުރުން ބުއްދިވެރިއެވެ. މިއީ ހަމުގެ ކުލަ އަނދިރި މީހުންގެ ބުރުސޫރައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެކެވެ. ހަންގަނޑު އޮމާންކަމަށްވެސް ދައްކާނެއެވެ.

ބިގް ބޮސް ސީޒަން 13ގެ ހޯސްޓް ސަލްމާން ހާން/ފޮޓޯ: ބޮލީވުޑް ބަބްލް

ދިއްލޭ ކުލަތާ ދުރުވުން

ތިއީ ހަމުގެ ކުލަ އަނދިރި މީހެއް ނަމަ ސީދާ ހުދުކުލަ ހިޔާރު ނުކުރާށެވެ. އެއީ ކޯޓާ ފަޓުލޫނު ކަމުގައި ވީ ނަމަވެސް، ސާފު-ބޯކިރު ފަދަ ހުދު ކުލަ ހިޔާރު ކުރުން މާ ރަނގަޅެއް ނުނެވެ. ހަމަ މިފަދައިން، ދުރަށް ދިއްލިފައި ހުންނަ ކުލަތަކާވެސް ދުރަށް ދާށެވެ. މުށި އަނދިރިކުލައިގެ ހަމުގެ ވެރިއަކު މިފަދަ ކުލަތަކެއް ލައިފިނަމަ ފެޝަންގެ ނަޒަރަކުން ބަލާއިރު ފެންނާނީ ހުތުރު ގޮތަކަށް ކަމަށްވެއެވެ. އެއީ ޒަމާނީ ޓްރެންޑްއަކަށް ވީ ކަމުގައި ވީ ނަމަވެސް، ދިއްލިފައި ހުންނަ ކުލަތަކަކީ ހަމުގެ ކުލަ އިންތިހާއަށް އަލި މީހުންނަށް ހުރި ކުލަތެއްކަން ގަބޫލުކުރާށެވެ.

ފޭޑް-ޕްރިންޓްސް

އަންނައުނު ނުވަތަ ފޭރާން ގަނެގެން އަމިއްލަ ޑިޒައިނަކަށް ފަރުމާކުރި ކަމުގައި ވީ ނަމަވެސް އޭގައި ހުންނަ ޑިޒައިން ނުވަތަ ފަރުމާއަކީ ވީހާވެސް ބޮޑަކަށް ކުލަ ފަނޑުކޮށް ފޭދިފައި ހުންނަ ކަހަލަ ޒާތަކަށް ހުންނަ ފަރުމާތަކެއްކަން ކަށަވަރު ކުރާށެވެ. އަދި މާ ގިނަ ކުލަތަކަކުން އޭގައި ފަރުމާ އަޅާފައިވާ ފޭރާންތަކާވެސް ދުރުވާށެވެ. ފަރުމާއެއް ކޮންމެހެން ބަހައްޓަން ބޭނުންވެއްޖެނަމަ އެއް ކުލައެއްގެ އެކި ޝޭޑަށްދާ ކުލަތަކުން ފަރުމާ ކޮށްފައި ހުންނަ ފޭރާން ލިބޭތޯ ބަލަށާވެ.

ކޯޓާ ޖެކެޓް

މިއީވެސް ހަމުގެ ކުލަ އަނދިރި މީހުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އެގޮތުން، ކޯޓު، ސޫޓު ނުވަތަ ޖެކެޓްލާއިރު އޭގެ އެތެރެއިން ލާ ގަމީސް ނުވަތަ ޓީޝާޓްއަކީވެސް ހަމަ އެއްކުލައެއްގެ ތަފާތު ޝޭޑްއަކަށް ވުން އެދެވިގެންވެއެވެ. ތަފާތު ބޮޑު ކުލަތައް އެއް ނުކުރާށެވެ.

މަނީޝް އަރޯރާގެ ފަރުމާއެއްގައި ރަންވީރު ސިންހް ފޮޓޯއަކަށް ހުއްޓިގެން/ފޮޓޯ: އިންސްޓަގްރާމް

ފަރުމާތަކުގެ އިސްޓާކީނު

މިއީ ކޮންމެ ކޮންމެ މީހަކަށް ފަތަހަ ކުރެވޭނެ ސްޓައިލެއް ނޫނެވެ. ނަމަވެސް މިއީ ހަމުގެ ކުލަ އަނދިރި މީހުންގެ ނަސީބެވެ. ހަމުގެ ކުލަ އަނދިރި މީހުންނަކީ އެކި ކަހަލަ ފަރުމާތަކުގެ އިސްޓާކީނު އެންމެ ގުޅޭ ހަމުގެ ވެރިންނެވެ. ނަމަވެސް ފަރުމާތަކުގެ އިސްޓީކު ހިޔާރުކުރާއިރު، ވީހާވެސް މުނާސަބު އިސްޓާކީނެއް ހިޔާރު ކުރުން ބުއްދިވެރިއެވެ.

ބޮލީވުޑްގެ ޒުވާން ބަތޮލާ ރަންވީރު ސިންހް ގޯވިންދާއާއި ވައްތަރުކަމަށް ގިނަ މީހުން ބުނާ ފޮޓޯތަކެއް/ފޮޓޯ: ޓީއޯއައި

މިކަންކަން ސަމާލުކަން ދީގެން ހެދުން އަޅާއިރު، ކުލަ އާއިލާގެ ތެރެއިން ވޯމް ގިންތިއަށް ނިސްބަތްވާ ކުލަތަކާއެކު ކޫލް ގިންތިއަށް ނިސްބަތްވާ ކުލަތައް އެކުގައި ބޭނުން ކުރާށެވެ. އަދި ބިންގަނޑާ އެއްކަހަލަ ކުލަތަކެއް ބޭނުން ކުރާއިރު ކޮންމެވެސް ވަރަކަށް ހުދު ކުލަވެސް ބޭނުން ކުރާށެވެ.

އެކި ކަހަލަ ކުލަ ހިޔާރުކޮށްގެން އަޅާ ހެދުމަކީ އެމީހެއްގެ ހަށިގަނޑާވެސް އެކަށޭނަ ހެދުމެއްތޯ ކަށަވަރު ކުރަންވާނެއެވެ.