މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މީހުންނާ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން ފާސްވި މީހުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވައިފި އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި އެއް މެންބަރަކު މަގާމުން ވަކި ކުރެއްވުމާއި ގުޅިގެންނެވެ. އެހެންވެ ބްރޯޑްކޮމްގެ ޖުމްލަ ހަތަރު މެންބަރުންގެ މަގާމު ވަނީ ހުސްވެފަ އެވެ.

އެގޮތުން އެ ކޮމިޝަނުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ދެ މެންބަރުންނަކީ އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އެވެ. މި ދެބޭފުޅުން އިސްތިއުފާ ދެއްވީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އެވެ. އެއާއެކު ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި އިރު، 36 މީހެއްގެ ނަން ރައީސް އޮފީހުން މަޖިލީހަށް ފޮނުވި އެވެ.

މިބޭފުޅުންގެ ތެރެއިން ކޮމިޓީން އިންޓަވިއު ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ 12 ނަމެކެވެ. އެންމެ ކުރީގައި އޮތީ ރައީސް ސޯލިހު މަޖިލީހަށް ލިސްޓު ފޮނުއްވި އިރުވެސް އެންމެ ކުރީގައި އޮތް ޝިފްލާ އިބްރާހީމްގެ ނަމެވެ. ދެވަނައަށް އެންމެ ކުރީގައި އޮތީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެކްޓިވިސްޓު އަދި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ގައިސެވެ. ތަޅުމަށް ފޮނުވި ބާރަ މެންބަރުންގެ ތެރޭގައި މީޑިއާގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މީހުންގެ ނަންތައްވެސް ހިމެނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ލިސްޓުގައި ހިމެނޭ 36 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކާ ކޮމިޓީން އިންޓަވިއު ކޮށްފައެއް ނުވެ އެވެ. އެއީ އެފަރާތްތައް އިންޓަވިއުއަށް ނުދިއުމުންނެވެ. އެގޮތުން އިންޓަވިއުއަށް ދައުވަތު ދިނުމުންވެސް 9 މީހަކު ނުދާކަން ފާހަގަ ކުރެވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ރައީސް ސޯލިހު ވަނީ މަޖިލީހަށް ހަތަރު ނަމެއް ފޮނުއްވާފަ އެވެ. ކޮމެޓީން ވަނީ މި ފަރާތްތަކާ ވެސް އިންޓަވިއު ކޮށްފަ އެވެ. އަދި ކޮމެޓީން ވަނީ ތިން ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. މިނަންތަކުގެ ކުރީގައި ހިމެނެނީ ޕްރެޒެންޓަރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު މަރިޔަމް ވަހީދާ އެވެ. ދެވަނައަށް އޮތީ ވީޓީވީގެ ޕްރެޒެންޓަރު އާމިނަތު އަމީނާ އެވެ. ތިންވަނައަށް ދިޔާނާ ތާހިރެވެ.

ހަމައެއާއެކު ބްރޯޑްކޮމްގެ މެމްބަރު ކަމުން ޒައިނާ ވަކިކުރުމާ ގުޅިގެން ހުސްވި މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން، ޝަރުތު ހަމަވާ ތިން މީހެއްގެ ނަން ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ވަނީ ފޮނުއްވާފަ އެވެ. އެ ތިން މީހުންނަކީ އިމްރާނާ ބިންތި އަބްދުﷲއާއި ހަސަން އިރުފާނާއި ޑރ. އިބްރާހިމް ޝިޔާމް އެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ އެއިން އެއްވެސް މީހެއްގެ ނަން ތަޅުމަށް ފޮނުވޭ ވަރަށް ވޯޓު ލިބިފައި ނުވާ ކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ހަތަރު މެންބަރެއްގެ މަގާމު ހުސްވެފައިވާ އިރު، މިމަގާމުތަކަށް މެމްބަރުން އައްޔަނުކުރުން ލަސްވާތީ އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.