ސީލައިފް ކުންފުނިން ފްލެޓު ގަތް ފަރާތްތަކަށް އެޗްޑީސީން ބަދަލު ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިސާ ދޫކުރަން ފަށައިފިއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ މިވަގުތު ސީލައިފް ގެ ފައިސާގެ ބަދަލު ދޭން ހަމަޖެހިފައި ވާ ފަރާތްތަކުގެ ބަދަލު ފައިސާ ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި ބަދަލު ދިނުމަށް ހަމަޖެހިފައި ވަނީ ދެފަރާތުން އެއްބަސްވެފައި ވާ ގޮތުގެ މަތިން ކަމަށާއި ބަދަލުގެ ގޮތުގައި ދޭނީ އެފަރާތުން ސީލައިފް އަށް ދައްކާފައިވާ ފައިސާ އާއި އެއްވަރުގެ އަދަދެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް ދައުލަތުން ހަވާލު ކުރި ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ބުކިން ފީ ދެއްކި ފަރާތްތަކަށް ސަރުކާރުން ވަނީ ބަދަލު ދީފައެވެ. އާންމުންގެ 415 މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ސީލައިފުން އެ ފަރާތްތަކަށް އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. މީގެ ތެރެއިން ބަދަލު ހޯދުމަށް 203 މީހުން ކުރިން އެދިފައިވާއިރު، ބާކީ 212 މީހުން ބަދަލު ހޯދުމަށް އެދިފައިވަނީ ދާދި ފަހުން އެޗްޑީސީން ކުރި އިއުލާނަކާއި ގުޅިގެންނެވެ.
ސީލައިފުގެ ވެރިޔާ ހޯދުމަށް ދާދި ފަހުން ވަނީ ރެޑް ނޯޓިހެއް ވެސް ނެރެފައެވެ. ސީލައިފަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލު ކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ. އަދި ސީލައިފަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.