ދީބާޖާ މައްސަލާގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދީބާޖާއާ އެކު ވެފައިވާ އެއްބަސްވުން އުވާލިއިރު އޭރުގެ ޓްރާންސްޕޯޓު މިނިސްޓަރަކަށް ހުންނެވި އަމީން އިބްރާހީމް ކުރެއްވި ޓްވީޓެއް ރީޓްވީޓު ކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީބާޖާ މައްސަލާގައި ސަރުކާރަށް ގެއްލުމާއި ކުރިމަތިލާން ޖެހޭ ގޮތަށް ނިންމުންތައް ނިންމި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.

"އެއީ ބަންޑާރަ ނާއިބު ކަމުގައިވިއަސް ވަރިހަމަ،" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ ދީބާޖާއާ އެކުގައި ވެފައިވާ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ހިދުމަތް ނުދެވުމުން ކަމަށެވެ. އަމީން ވިދާޅުވެފައި ވަނީ ދީބާޖާ އެގްރީމެންޓު ސަރުކާރުން ބާތިލްކޮށްފައިވަނީ އެގްރީމެންޓުގައިވާ ގޮތުގެ މަތިން ހިދުމަތް ނުދެވުމުން ކަމަށެވެ.

އަދި އެގްރީމަންޓު ބާތިލްކޮށްފައި ވާނީ ނޯޓިސްއާ އިންޒާރުވެސް ދިނުމަށްފަހު ކަމަށްވެސް އަމީން ވިދާޅުވި އެވެ. އަދި އެކަން ކުރީ އޭރުގެ އެޓާނީ ޖެނެރަލްގެ ލަފަޔާއި އެކު ކަމަށްވެސް އަމީން ވިދާޅުވި އެވެ. އަދި ހައިކޯޓުގެ ހުކުމުން އެކަން ސާފުވެގެން ދާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައިނުވާ ކަމަށެވެ.

އެގޮތުން އެ ފައިސާ ދޫކުރާނީ ދީބާޖާއާއެކު މަޝްވަރާ ކުރުމަށްފަހު ކޮމިޓީންދޭ ލަފާގެ މމަތިން ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުންނެވެ.