އަނދިރި ދައުލަތްތަކަށް މި ގައުމު ދީލާލައިފި ކަމަށްވާނަމަ ރާއްޖެ ވެއްޓޭނީ ހަނގުރާމައެއްގެ ތެރެއަށް ކަމަށާއި މިއަދު ރާއްޖެ އޮތީ އެފަދަ ހާލަތެއްގައި ކަމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރަށް ނިސަބަތްވާ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރުތަކާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ސަރުކާރު މެންބަރު ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް (އަނދުން ހުސައިން) މަޖިލީހަށް ވެއްދި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިނގާދިޔަ ހުރިހާ ކަމެއް ކުރަމުން ދަނީ "އަނދިރި ދައުލަތް"ތަކުން ކަމަށެވެ.

އެގޮތުން އީވާ ވަނީ ށ. މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިއެސްގެ ދިދަ ކުރެހި މައްސަލައާ ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްވި މައްސަލަ އާއި އޭނާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި އަންހެނަކު ހެދުން ލާ ގޮތަކުން އޭނާ މަސައްކަތް ކުރި ތަނަށް ބަޔަކު ގާ އުކައި ބިއްލޫރިގަނޑު ތަޅާލައި އިންޒާރު ދިން މައްސަލަ ފާހަގަކުރައްވާފައެވެ. އީވާ ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓުތައް ކިޔާލުމުން، މި ކަންކަން ވެސް ގުޅިފައިވާ ކަން ހާމަވާ ކަމަށެވެ.

"ދިވެހި ގައުމު މިއޮތީ ހަނގުރާމައިގެ ތުންފަތްމަތީގައި އެކަން ދިވެހި ރައްޔިތުންނަށް އޮޅިގެން ނުވާނެ،" މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވިއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އަނދިރި ދައުލަތްތަކުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލާ ވަރުގެ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން މިއަދު ރާއްޖޭގައި އަމިއްލަ އަށް ކައިވެނި ސެޓްފިކެޓު ހަދާ، އަމިއްލަ އަށް ލައިސެންސް ހަދާ، އަމިއްލަ އަށް ޕާސްޕޯޓާއި ވެކްސިން ކާޑު ހަދާ ހިސާބަށް ދިޔުމަކީ ކަންބޮޑުވާ ދަރަޖައަށް ރާއްޖޭގެ ހާލަތު ގޮސްފައިވާކަން އަންގައިދޭ އަލިގަދަ ހެއްކެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދު ރާއްޖެ ދަމުންދާ މިސްރާބު ދިވެހި ރައްޔިތުންނަށް އޮޅުންފިލުވާ ދޭންޖެހޭ ކަމަށާއި ރައްޔިތުންނަށް މިކަންކަން ސިއްރު ކޮށްގެން އޮތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ގާނޫނު ބުނި ވަރަކަށް ހަދައިދޭން. އެ ބުނި ގޮތަކަށް، ބުނި ވަރަކަށް ހަދާދީގެން ވެސް މި ކަންތައްތައް ހުއްޓުވަން ތައްޔާރަށް. މިކަންކަން މިގޮތަށް އޮންނަ ކަމަށްވަނީނަމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ނިކަމެތިވެގެން ހިނގައިދާނެ، ބިކަވެގެން ހިނގައިދާނެ،" އާޒިމް ވިދާޅުވިއެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގައި މިއަދު ހިނގަމުންދާ ކަންކަމުގެ ޒިންމާ ދިވެހި ފުލުހުންގެ މުއައްސަސާއާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އުފުއްލަވަން ޖެހޭނެ ކަމަށެވެ. އަދި މިއަދު ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ މައްޗަށް ބަލާލުމުން އެނގިގެން ދަނީ ދިވެހި ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

" ދިވެހި ފުލުހުން މިއަދު މިތިބީ ފެއިލްވެފައި. ދިވެހި ފުލުހުންގެ އިސްވެރިޔަކަށް ހުންނެވި، ހޯމް މިނިސްޓަރު މިއަދު މި މަޖިލީހަށް ހާޒިރުކޮށް މި ކަންތައްތައް ކީއްވެގެންތޯ އަޅާނުލާ ދޫކޮށްލާފައި މިއޮތީ، އަޅުގަނޑުމެން އެބަޖެހޭ ސުވާލުކުރަން" ކުރީގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަފީފު ވިދާޅުވިއެވެ. އަނދުން ހުސައިން ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ މާއުނގޫދޫއަށް ބަޔަކު އަރާ އެރަށުގެ އެތަން މިތަނުގައި އައިއެސް ލޯގޯ ޖަގާ އެރަށުގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފަތުރާފައިވާ ކަމަށެވެ.

ކުއްލި މައްސަލާގައި ބުނެފައިވަނީ ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަށް ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީއާ އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބައެއް ކަމަށްވީ ނަމަވެސް، ކުޑަކުދިންގެ ނާޖާއިޒް މަންފާ ނަގާ އެކުދިންނާ ޖިންސީގޮތުން ގުޅުން އުފައްދާ ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ފެތުރިފައިވާ ކަމަށެވެ.