ހޮންގްކޮންގްގައި ކުރަމުންދިޔަ ވަރުގަދަ ސިލްސިލާ މުޒާހަރާތައް ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

ހުއްޓުމެއްނެތި އެތައް ހަފުތާއަކަށް ދިގުލާ ދިޔަ މުޒާހަރާތައް ހޮނިހިރު ދުވަހުން ފެށިގެން މަޑުޖައްސާލަން ފަށާފައިވަނީ، އޮތް ލޯކަލް އިންތިހާބާ ދިމާކޮށެވެ.

އޮތް ލޯކަލް އިންތިހާބަކީ، ފާއިތުވީ ދުވަސްތަކުގައި ކުރި މުޒާހަރާތަކުގެ ނަތީޖާ ހިސާބަކަށް ފެނިގެންދާނެ އިންތިހާބެއް ކަމަށް ބެލެވެއެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހު އެންމެ ވަރުގަދައަށް މުޒާހަރާކޮށް ކުރިމަތިލުންތައް ހިންގަމުންދިޔަ ކޮވްލޫން ޕެނިންސިއުލާގެ ޕޮލިޓެކްނިކް ޔުނިވާސިޓީ ސަރަހައްދަށް ބަލާއިރު، މުޒާހަރާގެ ބައިވެރިންގެ އަދަދު އިންތިހާއަށް މަދުވެފައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ކަންމިހެން އޮތްއިރު، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ލޯކަލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ހިނގައިދާނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތް ކަމަށް ބުނެފައެވެ.

ހޮންގްކޮންގްގައި މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ލޯކަލް އިންތިހާބުގައި، 452 ޑިސްޓްރިކްޓްއަކަށް 1104 ކެންޑިޑޭޓުން ދަނީ ވާދަކުރަމުންނެވެ. މިއީ ރެކޯޑް އަދަދެއް ކަމަށް މައުލޫމާތު ލިބެއެވެ. 7.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހޮންގްކޮންގްގައި މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ލޯކަލް އިންތިހާބުގައި ވޯޓުދިނުމަށް 4.1 މީހުން ދަފުތަރުވެފައިވާއިރު، މިއީވެސް ރެކޯޑް އަދަދެއް ކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގެ މައިސަރުކާރުން ވަކިވެ، މިނިވަން ގައުމަކަށް ވުމަށް ހޮންގްކޮންގްއިން ކުރަމުންދާ މަސައްކަތްތައް އަދިވެސް ކޮޅެއްގައި ޖެހިފައި ނުވާއިރު، މިއީ ހޮންގްކޮންގްގެ އިދާރީ ސަރުކާރާ މެދު ނެގޭ ފެންނަ ނުފެންނަ ވޯޓަކަށް ވުންވެސް އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.