ސްރީލަންކާގެ މިހާރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ދެކޮޅަށް ކުރިން އުފުލާފައި އޮތް ކޮރަޕްޝަންގެ ދައުވާތަކެއް އަނބުރާ ގެންދިއުމަށް ސްރީލަންކާގެ ކޯޓަކުން ނިންމައިފިއެވެ.

މިދިޔަ ހަފުތާ ބަންދުގައި ސްރީލަންކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ ސާފު އަގުލަބިއްޔަތު ހޯއްދެވި ގޮތަބަޔާގެ ހިފަހައްޓާފައިވާ ޕާސްޕޯޓްވެސް ކޯޓުގެ ބެލުމުގެ ދަށުން މިހާރު އޭނާއާއި އަނބުރާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުގައި ވެރިކަމުގައި ހުންނަވާ ރައީސްއަކާ ދެކޮޅަށް، ދައުރުގެ ތެރޭގައި އެ ގައުމުގެ އެއްވެސް ކޯޓެއްގައި، އެއްވެސް މައްސަލައެއް ނުބެލޭނެއެވެ. ނަމަވެސް ދައުރު ނިމިގެން ނުވަތަ މަގާމުން ވަކިވެވަޑައިގަންނަވާ ހިސާބުން އެ މައްސަލަތައް ބެލޭނެއެވެ.

ގޮތަބަޔާއާއި ދެކޮޅަށް ސްރީލަންކާގެ ހައި ކޯޓުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަލަން ފެށި މައްސަލައަކީ އޭނާގެ މައިންބަފައިންގެ ހަނދާނުގައި ޒިޔާރަތެއް ބިނާ ކުރުމަށް ދައުލަތުގެ ފަންޑުން 185000 ބޭނުންކުރައްވާފައިވާކަމުގެ ތުހުމަތު ހިންގަންފެށި މައްސަލައެކެވެ.

ޕާސްޕޯޓް ދޫކޮށްލާފައިވާއިރު ސްރީލަންކާގެ ރައީސްގެ ހައިސިއްޔަތުން ގޮތަބަޔާ ފުރަތަމަ ދަތުރުފުޅު ކުރައްވާނީ އިންޑިއާއަށެވެ. ގޮތަބަޔާ އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ދައުވަތަކަށް ގޮތަބަޔާ ކުރައްވާ ދަތުރުފުޅެއް ކަމަށް ޚަބަރު ލިބެއެވެ.

ގޮތަބަޔާއާއި ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލާ، އެ މައްސަލަ ބަލަން ފެށީ މައިތްރިޕާލަ ސިރިސޭނާގެ ސަރުކާރުގައި ކަމަށްވާއިރު ގޮތަބަޔާ އޭރުވެސް ވަނީ މި ދައުވާއަށް އިންކާރު ކުރައްވާފައެވެ. މި ދައުވާއަކީ ގޮތަބަޔާގެ އިތުރުން 6 މީހެއްގެ މައްޗަށްވެސް އުފުލި ދައުވާއަކަށްވާއިރު، އެމީހުންނަށް ވާނެ ގޮތެއް އެނގޭނީ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު އޮންނަ ޝަރިޔަތުގެ މަޖިލީހުގައި ކަމަށް ޚަބަރު ލިބެއެވެ.