1996 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ އިނގިރޭސި މިއުޒިކް ބޭންޑް "ކޯލްޑް ޕްލޭ"އިން ދުނިޔޭގެ އެކި މަންޒިލްތަކަށް ޓުއާ ކުރުން ހުއްޓާލައިފިއެވެ.

އެ ބޭންޑްގެ އާ އަލްބަމް ޕްރޮމޯޓް ކުރުމަށް ޓުއާ ނުކުރާނެކަން ހާމަކުރަމުން ކޯލްޑްޕްލޭއިން ބުނީ، އެ ބޭންޑުން ދެން ޓުއާކޮށްގެން ޝޯދީ، އަލްބަމް ޕްރޮމޯޓް ކުރާނީ ތިމާވެށީގެ ނަޒަރުން ބަލާއިރު މިފަދަ ޓުއާތަކެއްގެ ފައިދާ ކުރާނެ ގޮތެއް ސާބިތުވާ ހިސާބުން ކަމަށެވެ.

ކޯލްޑްޕްލޭގެ ފްރަންޓްމޭންގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ކްރިސް މާޓިން ބުނީ ބޭންޑްގެ އަމާޒަކީ، އެ ބޭންޑްގެ ސަބަބުން ބަޔަކަށް އެދެވޭ ބަދަލެއް ގެނެސްދިނުން ކަމަށާ، ކުރިއަށް އޮތް ތަނުގައި ޓުއާ ކުރާނީވެސް އެކަމުން ބަޔަކަށް ލިބޭނެ ފައިދާ ނުވަތަ އަތުވެދާނެ އެދެވޭ ބަދަލަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ކޯލްޑްޕްލޭ މިވަގުތު ޓުއާ ކުރަމުންދަނީ އުރުދުންގެ ވެރިރަށް އައްމާންގައެވެ. އައްމާންގައި 2 ޝޯއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޔޫ ޓިއުބް މެދުވެރިކޮށް މި ޝޯތައް ލައިވްސްޓްރީމް ކުރަން ވަނީ ނިންމާފައެވެ.

ހުކުރު ދުވަހަށް އިރު އަރާ ވަގުތާ އިރު އޮއްސޭ ވަގުތު ކުރިއަށް ގެންދާ 2 ޝޯއަކީ އެ ބޭންޑްގެ އާ އަލްބަމް "އެވްރިޑޭ ލައިފް"ގެ 2 ފަރާތް ގެނެސްދިނުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ 2 ޝޯއެވެ.

ކޯލްޑްޕްލޭއިން އެންމެ ފަހުން ޓުއާކޮށްފައިވަނީ އެ ބޭންޑްގެ އަލްމަބް "އަ ހެޑް ފުލް އޮފް ޑްރީމްސް" ޕްރޮމޯޓް ކުރުމަށެވެ. އެގޮތުން 2016 ވަނަ އަހަރާ 2017 ވަނަ އަހަރު ކޯލްޑްޕްލޭއިން ވަނީ ދުނިޔޭގެ 4 ބައްރެއްގައި 122 ޝޯ ދީފައެވެ.

ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ލަންޑަންގައިވެސް ކޯލްޑް ޕްލޭގެ ޝޯއެއް ދޭން ހަމަޖެހިފައިވާއިރު، ޝޯއަށް ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެށީގެ ހިމާޔަތަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.