ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހުން ހޯދަން ތަހުގީގު އަވަސްކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މީހުން ހޯދަން ތަހުގީގު އަވަސްކުރަން ޖެހޭ ކަމަށާއި، މިފަދަ މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އިސްވެ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ މި މައްސަލާގައި ސަރުކާރުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ވިދާޅުވުމާއި ގުޅިގެންނެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވަނީ މިހާރު ކަން ހިނގާ ގޮތުން، ގާނޫނު އަސާސީގެ 42، 141، އަދި 142ގެ ބާރު ކެނޑެމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީނުގެ ޝަރީއަތުގައި ހުކުމާ ހަމައަށް ގޮސްފައި ވަނިކޮށް ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައި ވާއިރު، ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން ގުޅިކަމަށް އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައެވެ. ގާޒީ ހައިލަމަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގުޅި އޮފިޝަލުން ވަނީ އޭނާއަށް އިންޒާރު ދީ ބިރު ދެއްކާފައިވާއިރު، އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އަބުރު ކަތިލަމުން ދަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދިނުމުން ކަމަށް ހައިލަމް ވިދާޅުވިއެވެ.
ގާޒީ ހައިލަމް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅޫން ސީދާ ގޮތުން މެސެޖުކުރައްވައިގެންނާއި ގުޅުއްވައިގެން އަދި ދަންނަ ގާތް މީހުން މެދުވެރިކޮށް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިވަޑައިގެންފައިވެއެވެ. އަދި އެކަމުގެ ކަށާވަރުކަން ނުދެއްވާނެ ކަމަށް ވިދާޅުވުމުން ޕޮލިހުގައި އަލްހާނު ފަހުމީއާއި އޭނާގެ މައްސަަލައެއް އޮތް ކަމަށް ވިދާޅުވެ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށާއި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވާ ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.