އިނގިރޭސިވިލާތުގެ އެސެކްސްއިން ހިފިހެއްޓި ފިނިކުރި ލޮރީ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު 39 މީހުންނަކީވެސް ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުން މީގެކުރިން ވަނީ މިހުރިހާ އެންމެނަކީވެސް ވިއެޓްނާމް މީހުން ކަމަށް ބުނެފައެވެ.

އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ފެނުނު 39 މީހުންގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުންނާ 9 އަންހެނުންނެވެ.

މިމީހުންނަކީ ގަވައިދާ ހިލާފަށް ވިލާތަށް އެތެރެވާން މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.

މި 39 މީހުންނަކީ މިހާރު ކޮން ބައެއްކަން ދެނެގަނެވިފައި ވީ ނަމަވެސް އެ މައުލޫމާތު އާންމު ނުކޮށް އަދި އޮތީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މިމީހުން ދަތުރުކުރަމުންދިޔަ ފިނިކުރި ލޮރީ ދުއްވަން އިން މޮރިސް ރޮބިންސަން ނަމަކަށް ކިއާ މީހާ އަދިވެސް ހުރީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަމުންދާއިރު 39 މީހެއްގެ މަރުގެ ދައުވާތައްވެސް އޭނާއާއި ދެކޮޅަށް ވަނީ އުފުލާފައެވެ. މޯ ރޮބިންސަންގެ ގޮތުގައި އުޅެމުންދިޔަ ކޯޓަށްވެސް ހާޒިރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.