އަރަބި ގަލްފް ކަނޑުގެ ސަރަހައްދުން ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައި ކުރަމުންދާ ރޫޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާ އިސްކޮށް އޮވެގެން އެކުލަވާލާފައިވާ ކޯލިޝަންގެ އޮޕަރޭޝަންތައް ރަސްމީކޮށް ބަހްރައިންގައި ފަށައިފިއެވެ.

ގަލްފް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށް މިފަހަކަށް އައިސް ދޭ ހަމަލާތައް އިތުރުވެފައިވާއިރު އެމެރިކާއާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ގައުމުތަކުން ބުނާ ގޮތުގައި، މި ހަމަލާތައް ދެނީ އީރާނުންނެވެ.

ގަލްފް އޮފް އޯމާން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދަނިކޮށް ހަމަލާ އަމާޒުވި ތެޔޮ އުފުލާ ޓޭންކަރު އަނދާ ހުލުވަނީ/ފޮޓޯ: އެންވައިޓީ

މިފަދަ ހަމަލާތަކުން ކަނޑުބޯޓުފަހަރު ސަލާމަތް ކުރުމަށް އެމެރިކާ އިސްވެ އޮވެ ބަހްރައިންގައި އިފްތިތާހުކުރި އަސްކަރީ ކޯލިޝަނު އެކުލަވާލުމުގެ މަސައްކަތް ކުރަން ފަށާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ކޯލިޝަނަކީ ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރަމުންދާ ބޯޓުތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ހާއްސަކޮށްގެން އެކުލަވާލި އަސްކަރީ ކޯލިޝަނެކެވެ.

މެދުއިރުމަތީގެ ގަލްފު ސަރަހައްދަށް ދަތުރުކުރަމުންދާ އެމެރިކާގެ އަސްކަރީ ހަނގުރާމަ މަތީ މަނަވަރު ޔޫ.އެސް.އެސް އާލިންގްޓަން/ފޮޓޯ: ގެޓީ އިމޭޖަޒް

މި ކޯލިޝަނުގައި ހިމެނެނީ އެމެރިކާއާއި ބަހްރައިންގެ ކަނޑުގެ އަސްކަރިއްޔާގެ އިތުރުން ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާޓް (ޔޫއޭއީ)ގެ ކަނޑުގެ އަސްކަރިއްޔާގެ ގޮފިތަކެވެ.

އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކުގެ ތުހުމަތުތަކަށް އިންކާރު ކުރަމުންދާ އީރާނުންވަނީ، ގަލްފް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރާނެ ޕްލޭނެއް އަމިއްލައަށް އެކުލަވާލާފައެވެ.