އުފަންވީއިރު ވެސް "ކާޑަލް ރިގްރެޝަން ސިންޑްރޮމް" ގެ ޝިކާރައަކަށް ވެފައިވާ ލުހްޔާ މުހައްމަދަށް 5 އަހަރު ފުރިފައި ވާއިރު، އަދިވެސް ލުހްޔާއަށް ވަނީ އޭނާގެ ބައްޔަށް ބޭސްފަރުވާއަށް އެހީތެރިކަން ބޭނުން ވެފައެވެ. އުފަންވީ އިރުވެސް ލުހްޔާގެ މައިބަނދައިގެ ކަށިގަނޑުގެ އެއްބައި އަދި އުނަގަނޑުން ތިރި ފުރިހަމައަށް އުފެދިފައި ނުވުމުގެ ސަބަބުން އެ ތުއްތު ކުއްޖާއަށް އެހެން މީހުން ހިނގާބިނގާވެ އުޅޭހެން އުޅުމަށް ވަނީ ނުކުޅެދިފައެވެ.

ލުހުޔާގެ މަންމަ މަރިޔަމް އަވްލީން ބުނީ، އުފަންވީ އިރު އެ ކުއްޖާގެ ފޫޅުން ތިރި މަސައްކަތް ނުކުރާ ކަމަށާއި، އެ ކުއްޖާއަކީ އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖެއް ކަމެއްވެސް އެކުއްޖާގެ އެތެރެ ހަށިންވެސް އިނގެން ނެތް ކަމަށެވެ. މިއަދާ ހަމައަށް އައި އިރު 9 ފަހަރު އަވައްޓެރި އިންޑިޔާއަށް ދެވިއްޖެ ކަމަށާއި އަދި ލަންކާއަށް 4 ފަހަރު ދެވިއްޖެ ކަމަށް އަވްލީން ބުނެއެވެ.

"ހުރިހާ ތަނަކުންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފަ އޮތީ، އެއްވެސް ގެރެންޓީއެއް ނެތަކަމަށް ބުނެފަ އޮތީ. އެކަމަކު މަންމައަކު ދަރިއަކު ދުނިޔޭގައި ބަހައްޓަން ކުރެވެން އޮތްހާ މަސައްކަތެއް ވިއްޔާ ކުރާނެ. އެގޮތުން އުންމީދު ކަނޑާލިއަސް ދުނިޔޭގައި އެކުއްޖާ އޮތް ދުވަހު އެކުއްޖާ ބެލުމަކީ މައިންބފައިންގެ ޒިންމާއަކަށް ވާތީވެ އެގޮތުން. މަސައްކަތް ކުރަނީ އަދިވެސް އެއްގޮތަކުން ވިއްޔާ އަނެއްގޮތަކަުން އެ ކުއްޖާއަށް ކުރިއެރުމެއް ލިބޭތޯ މަސައްކަތް ކުރަނީ."
ލުހްޔާގެ މަންމަ އަވްލީން

އަވްލީނަށް ފަރުވާކުރުމަށް ރާއްޖޭން ބޭރުގެ ދެ ގައުމަކަށް އެ އާއިލާއިން ވަނީ ގޮސްފައެވެ. ހުރިހާ ތަނަކުންވެސް ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައެވެ. ނަމަވެސް އެ ހިތްވަރުގަދަ މަންމަގެ އުންމީދަކަށް ބަދަލެއް ނާދެއެވެ. އޭނާގެ އުންމީދުގެ ހުޅު އަދި ނިވިގެން ނުދެއެވެ. ލުހްޔާގެ މަންމަ އަދިވެސް އުންމީދު ކުރަނީ އެކުއްޖާ ރަނގަޅުވާނެ ކަމަށެވެ. ދުނީޔޭގައި އެކުއްޖާ އޮތްހާ ދުވަހަކު އެކުއްޖާ ބެލުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އަދިވެސް އޭނާ ބަލަނީ އެކުއްޖާއަށް ކުރިއެރުމެއް ލިބޭނެ ދުވަހެއް ފެންނާނެ ކަމަށް ލުހްޔާގެ މަންމަ ބުނެއެވެ.

އަވްލީން ކޮންމެތާކަށް ގެންދަން ޖެހުނަސް ގެންދަނީ ރެކްސާގައި ކަމަށާއި އެކުއްޖާއަށް އަދި ވީލް ޗެއާ ނުލިބޭ ކަމަށް ބުނަމުން އަވްލީން ބުނީ ވީލްޗެއާއަކަށް އެދިފައިވާނެ ކަމަށެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި އެކުއްޖާ ބައިވެރިކުރާކަން ފާހަގަކުރަމުން އަވްލީން ބުނީ ލުހްޔާއަށް ނުދުވެވުނަސް މަންމައަށް ދުވެވޭ ކަމަށެވެ. އެހެންކަމުން ކުއްޖާ އުރައިގެން އޭނާ ދުވާ ކަމަށެވެ. ސްކޫލުތެރޭގައި ހުރިހާ ޓީޗަރުންވެސް ވަރަށް ރަނގަޅު ކަމަށާއި އޭނާ އުރައިގެން ޓީޗަރުން އުޅޭކަމަށް އަވްލީން ބުނެއެވެ.

ލުހްޔާ މުހައްމަދު

އަވްލީން ބުނީ ޑޮކްޓަރުންގެ ލަފަޔާއި އެކު އާއިލާގެ ވިސްނުންހުރީ ލުހްޔާއާ އެކު އިތުރު ބޭސްފަރުވާ ކުރުމަށްޓަކައި، ސިންގަޕޫރު ނޫނީ މެލޭޝިއާއަށް ދިޔުން ކަމަށެވެ. އަދި މިކަމަށް އާއިލާއަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި ލުހްޔާއާއި މެދު ކުރާ އުންމީދު އެލުވާނުލާނެކަމަށް އޭނާ ބުނެއެވެ.

ލުހްޔާއަށް ފަންޑްރައިސް ކުރުމަށް މިއަދު ވަނީ، މާލޭގެ ތިން ސަރަހެއްދައި އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައެވެ. އެގޮތުން ސަލްޓަން ޕާކާއި ބްރިޖް ވިއު ސަރަހައްދާއި ރަސްފަންނު މި ތިން ސަރަހައްދުގައި މިއަދު ހަވީރު ލުހްޔާއަށް އެހީވުމަށް ބާއްވާ އިވެންޓް ކުރިއަށް ދާނެއެވެ.

ލުހްޔާގެ އާއިލާއަށް މާލީގޮތުން އޭނާއަށް ބޭސްފަރުވާ ކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ލުއިފަސޭހަކަމެއް މިންވަރު ކުރައްވާށިއެވެ. މާތްﷲ ލުހްޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއްކަމުގައި ލައްވާށިއެވެ.