ދުނިޔެ މިވަގުތު އޮތީ މޫސުމީ ކާރިސާއެއް އުފެދި ކުށްލި ނުރައްކަލުގެ އެމާޖެންސީ ހާލެއްގައި ކަމަށް ބުނާ ދިރާސާއެއް ބަލައިގަތުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުން އަންނަ 11000 އެއްހާ ސައިންސްވެރިންގެ ގުރޫޕަކުން އިއްތިފާގުވެއްޖެއެވެ.

ފާއިތުވީ 40 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްކުރި ތަފާސް ހިސާބުތަކަށް ބަލައިގެން އެކުލަވާލާފައިވާ ދިރާސާ ބުނާ ގޮތުގައި މޫސުމީ ކާރިސާއަށް ރިއާޔަތް ކުރުމަށް ގައުމުތަކުގެ ސަރުކާރުތަކުންވަނީ ފެއިލްވެފައެވެ.

އަދަށް ވުރެ ފުނުން، ދެމެހެއްޓެނެވި ގޮތަކަށް ގެނެވޭ ބަދަލުތަކަކުން މެނުވީ، ދުނިޔޭގައި އަދު އޮތް އިންސާނީ ދަރިފަސްކޮޅުން ދާނީ އެކަމުގެ ތަކުލީފުތައް އުފުލަމުން ކަމަށްވެސް މި ދިރާސާ ވަނީ އިންޒާރުކޮށްފައެވެ.

މި ދިރާސާ އާންމުކޮށްފައިވާ ދަނޑިވަޅަކީ ތާރީހު ދުށް އެންމެ ހޫނުގަދަ މަހަކީ އޮކްޓޯބަރު މަސް ކަމަށް ދެއްކި ސެޓެލައިޓް ރެކޯޑްތައް ދެއްކި ދަނޑިވަޅަށްވީ ނަމަވެސް، ދިރާސާ ބުނާ ގޮތުގައި ދުނިޔެ ހޫނުވަމުންދާ މައްސަލައާއި އެކަމުގެ ސަބަބުން އޮތް ނުރައްކާ ބަޔާން ކުރުމަށް ދުނިޔޭގެ ފިނިހޫނުމިން ވަޒަންކުރުމަކީ ހަމައެކަނި ގޮތް ކަމުގައި ދެކެވިގެން ނުވާނެއެވެ.

ދިރާސާ އެކުލަވާލި ޓީމުން ވަނީ ގައުމުތަކުގެ އިސްވެރިންނާ ސިޔާސީ ލީޑަރުން ކޮންމެހެން އަމަލުތައް ބަހައްޓަންޖެހޭ ދައިރާތަކަކާ އަޅުއްވަންޖެހޭ ފިޔަވަޅުތަކެއްވެސް ފާހަގަކޮށްފައެވެ.

ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯކޮށްފައި/ފޮޓޯ: ކާލް ޑިސޫޒާ

މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ސިލްސިލާ ބައްދަލުވުންތައް ބާއްވަމުންދާއިރު އެކަށީގެންވާ ހައްލެއް މިމައްސަލައަށް ލިބެމުންދާ ނުދާކަންވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާ ބަލައިގަތް ސައިންސްވެރިންގެ ތެރޭގައި އެކި ރޮނގުތަކުން ދިރާސާތައް ހަދަމުންދާ ސައިންސްވެރިން ހިމެނެއެވެ. މީގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 153 ގައުމަކަށް ނިސްބަތްވާ ސައިންސްވެރިން ހިމެނެއެވެ.

ޖަންގަލިތަކުގައި ރޯކުރަމުގެ ސަބަބުން ވިހަ ދުމުން ފުރިފައިވާ އިންޑޮނޭޝިއާގެ ޕްރޮވިންސެއް/ފޮޓޯ: އީކާ ވުލަންދާރީ

ދުނިޔެ އޮތީ މޫސުމީ ކާރިސާގެ ކުށްލި ހާލަތުގައި ކަން ބަޔާންކޮށް ދިރާސާއެއް އެކުލަވާ، ރެކޯޑް އަދަދަކަށް ސައިންސްވެރިން އެ ދިރާސާ ބަލައިގެންފައިވާ މި ދަނޑިވަޅަކީ، މި ފަހުގެ ތާރީހުގައި އެކުލަވާލި މޫސުމީ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ބެހޭ އެންމެ ވަރުގަދަ އެއްބަސްވުން ކަމަށްވާ "ޕެރިސް މުއާހަދާ"އިން އެމެރިކާ ވަކިވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްވެސްމެއެވެ.