ޖުޑިޝަލް ކައުންސިލް ހިނގަމުން ދަނިކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެ ކައުންސިލަށް އިންޒާރު ދީފިއެވެ.

މިރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގައި ޖޭއެސްސީން ނިންމީ، އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލު ނުކުރުމަށް ނުވަތަ، އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް ނުވަތަ އެ އިސްލާހު ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށެވެ.

ޖޭއެސްސީން މިހެން ބުނެފައިވާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާއްމު ކުރަމުން އަންނަ ގަވާއިދުތަކާއި އުސޫލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ޖުޑީޝަލް ކައުންސިލުން ދަނީ ބައްދަލުވުމެއް ބާއްވަމުންނެވެ. މި ބައްދަލުވުން ތާވަލުކޮށްފައި ވަނީ މިރޭ 9:00 އަށް ސުޕްރީމް ކޯޓުގައެވެ.

ޖުޑިޝަލް ކައުންސިލާއި ޖޭއެސްސީން މިރޭ ކުއްލި ބައްދަލުވުން ބާއްވާފައި ވާއިރު ނުވަތަ ބާއްވަމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ދަނީ ކުއްލި ބައްދަލުވުމެއް ބާއްވަމުންނެވެ. އެގޮތުން، މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ބާއްވަމުން ދަނީ، އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގެން ސުޕްރީމް ކޯޓުން، ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޖޭއެސްސީއާ ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ޖުޑިޝަރީ ކޮމިޓީއަށް ލިބުމާ ގުޅިގެން ކަމަށް ބުނެއެވެ.

ޖޭއެސްސީގެ އިންޒާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުވެފައިވާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.