ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލުން) ހުޅުމާލޭގައި ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާ ކުުރުމުގެ ގޮތުން، އެ ބޭންކުގެ އޮފީސް އިމާރާތެއް ހެދުމަށް ހާއްސަ ބިމެއް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ބޭންކުގެ އޮފީސް އިމާރާތެއް ހެދުމަށް ހާއްސަ ބިމެއް ހަވާލުކޮށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށް ބެންކާ ހަވާލުކޮށްފައި ވާކަމަށެވެ.

ބީއެމްއެލަށް ބިން ދޫކުރީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސެންޓްރަލް ޕާކުގެ ދެކުނު ސަރަހައްދުން އަމީން އެވެނިއުއާ އިންވެގެން އޮތް ސަރަހައްދުންނެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބީއެމްއެލްގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އަޅައި ނިންމާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޓިމޮތީ ސޯޔާއެވެ.