އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާ 100އަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފިއެވެ.

ސަތޭކައަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފައިވީ ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ތިން ކައުންސިލުންވެސް އެމްޑީއެންއާ ދެކޮޅަށް ބަޔާން ނެރެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެއީ މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ކައުންސިލެވެ.

ރާއްޖޭގައި ޖުމްލަ 200 ކައުންސިލް އޮންނައިރު ރަށު ކައުންސިލާއި އަތޮޅު ކައުންސިލުތައް ވެސް ހިމެނޭ ގޮތުން 124 ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އޭގެތެރޭގައި ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ އޮންނާނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށެވެ.

ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓެއް އާއްމުކުރުމުން، ހަމައެކަނި ޖަމިއްޔާއެއް ސަސްޕެންޑް ކުރުމަކީ ފިޔަވަޅެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެ ރިޕޯޓް ލިޔެ އާއްމު ކުރި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި، ޖަމިއްޔާ ވެސް އުވާލުމަށް ގިނަ ބަޔާންތަކުގައި ވަނީ ހިމަނާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް އެތައް ކައުންސިލްތަކަކުން ބަޔާން ނެރެފައިވާއިރު ކޮންމެ ހަފްތާ ބަންދެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާ އިހުތިޖާޖު ކުރަމުންނެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ.

އެމްޑީއެންގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ. އެގޮތުން ދާދިފަހުން ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް ވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޖާގަ މި ސަރުކާރުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެމްޑީއެން މައްސަލާގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހާއްސަ ގޮތެއްގައި އެ ޖަމިއްޔާގެ އިސްވެރިންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުން އަންނައިރު އެއިން އެއްވެސް މީހަކު ރާއްޖޭގައި ނޫޅޭ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް އާއްމުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.